ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނޯޓިސް ދިނުމާއި ގުޅިގެން އެ މުވައްޒިފުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދިނުމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ނިންމައިފި އެވެ.
ޖެންޑާއިން ވަކިކުރަން ނިންމި ބައެއް މުވައްޒިފުންނާއެކު ޕީޕީއެމް އާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުން މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލްވުމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާން ވިދާޅުވީ އެ ބައްދަލްވުމުގައި ޕީޕީއެމް އާއި ޕީއެންސީއަށް ނިސްބަތްވާ ބައެއް ގާނޫނީ ވަކީލުންވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ މުވައްޒިފުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިއަދުގެ ބައްދަލްވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް އާއި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގަތެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވި ގޮތުގައި ނޯޓިސް ދީފައިވަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން ތަކަކަށް ކަމަށެވެ. އެ މުވައްޒަފުންނަށް ނޯޓިސް ދިނީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން ގިނަ މުވައްޒަފުން ބޭނުންނުވާތީ ކަމަށެވެ.
އަދި ވިދާޅުވީ ކުޑަކުދިންގެ ހިޔާ ހުސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރި 71 މުވައްޒަފުންނަށް ނޯޓިސް ދިން ކަމަށެވެ. އަދި އެމީހުންނަށް ޖެންޑާގައި ހުރި ފުރުސަތުތައް ބުނެދިނުމަށްފަހު ބައެއް މުވައްޒަފުންނަށް އެ މިނިސްޓްރީގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިވެސް ދިން ކަމަށެވެ.
އެގޮތުން ހިޔާގައި މަސައްކަތް ކުރި 43 މުވައްޒަފުން މިހާރުވެސް ޖެންޑާގެ އެކި ވަޒީފާތަކުގައި މަސައްކަތް ކުރަމުންދާ ކަމަށާއި އިތުރު ތިން މުވައްޒަފަކަށް އަތޮޅުތެރެއިން ވަޒީފާ ދީފައިވާ ކަމަށެވެ. އަދި މިއަދު ވަޒީފާއިން ވަކިކުރަން ނޯޓިސް ދިން 21 މުވައްޒަފުންނަކީ ސިވިލް ސާވިސް ކޮމިޝަންގެ ނިންމުމެއްގެ ދަށުން ނޯޓިސް ދިން މުވައްޒަފުން ކަމަށް ވެސް ވިދާޅުވި އެވެ.