އިދިކޮޅު ފަރާތްތައް

ޖެންޑާ މިނިސްޓަރާ ބައްދަލު ނުކުރެވޭތީ ކަންބޮޑުވެއްޖެ

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާ ބައްދަލު ކުރުމަށް އެދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅިގެން މިހާތަނަށްވެސް އެ ފުރުސަތު ދީފައިނުވާ ކަމަށް ބުނެ އެ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖެންޑާ މިނިސްޓަރާ ބައްދަލުކުރުމަށް ސިޓީ ފޮނުވާފައިވަނީ އޮކްޓޫބަރު 19، 2020 ގައެވެ. އެ ކޯލިޝަނުން ބުނީ މިނިސްޓަރާ ބައްދަލު ކުރުމަށް އެދިފައިވަނީ ގިނަ އަދަދެއްގެ މީހުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާއި ރޭޕާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި އިންސާފު ނުލިބި ލަސްވަމުންދާތީ ކަމަށެވެ.

ޖެންޑާ މިނިސްޓަރު ރާއްޖެއިން ބޭރުގައި އުޅުއްވާތީ މަސްދުވަހެއްގެ ކުރިން ބައްދަލުކުރެވެން ނެތް ކަމަށް އަންގާފައިވާ ކަމަށާ މިނިސްޓަރު އެނބުރި ވަޑައިގެންނެވުމުން ބައްދަލުވުމާގުޅޭ ގޮތުން ޖަވާބެއް ފޮނުވާނެ ކަމަށް އަންގާފައިވާ ކަމަށްވެސް އިދިކޮޅުން ބުންޏެވެ. ނަމަވެސް ސިޓީ ފޮނުވިތާ ތިންމަސް ދުވަސް ފާއިތުވީއިރުވެސް މި ބައްދަލުވުން ހަމަޖެހޭނެ ތާރީހެއް އަދި މިކަމާގުޅޭ އެއްވެސް ޖަބާވެއް ލިބިފައިނުވާ ކަމަށްވެސް ބުންޏެވެ.

"މި ކޯލިޝަނުން ދެކޭ ގޮތުގައި އެހާ ދިގު މުއްދަތަކަށް މިނިސްޓަރަކު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު ދެން ހަވާލުވާ މިނިސްޓަރަކުވެސް މިފަދަ ކަންކަމަށް ޖަވާބު ދެއްވަން ޖެހޭ. އަދި މިފަދަ މުހިއްމު ވުޒާރާއެއް ވަގުތީ ގޮތުން އެހެން މިނިސްޓަރަކާ ހަވާލު ނުކުރައްވާނަމަ އެއީ މި ސަރުކާރުން ރައްޔިތުންނާއި އެތައް ބައެއްގެ ހައްގުތައް ރައްކާތެރި ކުރުމަށް ވެފައިވާ ބޮޑު އިހުމާލެއް. މިފަދަ ކަންކަމުން މި ސަރުކާރުގެ ދޯހަޅި ކަމާއި ހިންގުމުގެ އެއްވެސް ކަހަލަ ފުރިހަމަ ނިޒާމެއް ނެތްކަން ސާފުވެ އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެއްވެސް އަޅާލުމެއް ނެތްކަން ޔަގީން ކުރެވޭ،"

އިދިކޮޅުން ވަނީ ޖެންޑާ މިނިސްޓަރާ ބައްދަލު ކުރުމަށް އެ ކޯލިޝަނުން އެދިފައިވާ ބައްދަލުވުން ވީހާވެސް އަވަހަށް ހަމަޖައްސައި ދިނުމަށް ގޮވާލާފައެވެ.