ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހޮންކޮންގް

ހޮންގްކޮންގުން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފި

Dec 6, 2021

ހޮންގްކޮންގުން ރާއްޖެއަށް ދަތުރުކުރުން މަނާކޮށް އެ ގައުމަށް ދަތުރުކުރުން މަނާ ލިސްޓްގައި ރާއްޖެ ހިމަނައިފި އެވެ.

އެ ގައުމުން މި ފިޔަވަޅު އެޅީ ކޮވިޑްގެ އައު ވޭރިއަންޓް ކަމަށްވާ އޮމިކްރޯންއަށް ޕޮޒިޓިވް ކޭހެއް ރާއްޖެއިން ފެނުމާއި ގުޅިގެންނެވެ.

ހޮންގްކޮންގުން ދަތުރުކުރުން މަނާ ތިން ގައުމެއް ވަނީ ކަނޑައަޅާފައެވެ. އެއީ ޓޫނީޝިއާ އާއި ސެނެގަލްގެ އިތުރުން ރާއްޖެ އެވެ. ރާއްޖެ އެ ލިސްޓްގައި ހިމަނާފައިވަނީ މިއަދު އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނީ ކޮވިޑްގެ އައު ވޭރިއަންޓްގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިފައިވާ ކަމަށެވެ. އައު ވޭރިއަންޓަށް ޕޮޒިޓިވްވެފައިވަނީ ބޭރުން އައި ފަތުރުވެރިއެކެވެ. އޭނާއަކީ ކޮން ގައުމަކުން އައި މީހެއް ކަމެއް ނުބުނެއެވެ.

އެ މީހާގެ ގައިގައި އޮމިކްރޯން ވައިރަސް ހުރިކަން އެނގިފައިވަނީ ރާއްޖެ އައިސް ހެދި ޓެސްޓްގެ ނަތީޖާ ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާގެ ހުރީ ކޮން ވޭރިއަންޓެއްތޯ ބެލުމަށް ހެދި ޖެނޯމިކް ސީކުއެންސިން އިންނެވެ. އެކަމާއި ގުޅުންހުރި މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ ދުވަސްތަކުގައި ކޮންމެ ދުވަހަކު 50 އަށްވުރެ ގިނަ ސާމްޕަލް ސީކުއެންސަށް ޓެސްޓް ކުރަން ފޮނުވަމުންދިޔަ ކަމަށެވެ.

ދެކުނު އެފްރިކާއިން ދުނިޔެއަށް ނުކުމެގެން އުޅޭ ކޮވިޑްގެ އާ ވައްތަރު، އޮމިކްރޯންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ. އެ ގޮތުން ސައުތު އެފްރިކާ އާއި ނެމީބިއާ އާއި މޮޒަންބީކް އާއި ލެސޯތޯ އާއި ބޮޓްސްވާނާ އާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން އެތެރެވުން މަނަލެވެ.

މީގެ ތެރޭގައި ދިވެހީންނާއި ވޯކްޕާމިޓްގައި އަންނަ މީހުން ނުހިމެނެއެވެ. އަދި ރާއްޖެ އައުމުގެ 14 ދުވަސް ކުރީން މި ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ އިތުރަށް އެ ގައުމުގައި ޓްރާންސިޓްވެފައިވާ މީހުންނަށްވެސް ރާއްޖެ ނާދެވޭނެ އެވެ.

އެ ގައުމުތަކުން ރާއްޖެ އަންނަ ދިވެހިނާއި ވާކްވިސާގައި އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީންވެސް ވާން ޖެހެއެވެ. އެ މީހުން ކަރަންޓީނުން ވީއްލޭނީ 14 ދުވަހަށްފަހު ހަދާ ޓެސްޓް ނެގެޓިވްވުމުންނެވެ.

ދުނިޔެއަށް މީގެ ދެ އަހަރެއްހާ ދުވަސްކުރިން ފެތުރިގަތް ކޮވިޑް 265 މިލިއަން މީހުންނަށް ޖެހިފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެ އެވެ. މިބަލީގައި 55.2 މީހުން މަރުވެފައިވާ ކަމަށް ވެސް ބުނެ އެވެ.