އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރަން ގޮވާލާ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭން ޕެޓިޝަނަށް ސޮއި ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރަށްރަަށަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަވަސްއަށް މިއަދު ވިދާޅުވީ މި ދަތުރުތައް ފަށާނެ ސިދާ ދުވަސް ޕާޓީން އަދި ނުނިންމާ ކަމަށެވެ. ނަމަވެސް މި އަންނަ ހަފުތާ ބަންދުގައ ނުވަތަ އަންނަ ހަފުތާގެ ތެރޭގައި ރަށްރަަށަށް ދަތުރުތައް ރައީސް ޔާމީން ފައްޓަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ހީނާ ވިދާޅުވީ ރައީސް ޔާމީން އެންމެ ފުރަތަމަ ދަތުރުފުޅުތައް ކުރައްވާނީ މާލެ އަތޮޅުގެ ރަށްތަކަށް ކަމަށާއި އޭގެ ފަހުން އެހެން އަތޮޅުތަކުގެ ރަށްތަކާއި އެހެން ސިޓީތަކަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.
"ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކުރަން ޖެހޭ މަސައްކަތް. އެެހެންވެ ރަށްރަށަށް ވަޑައިގެން 'އިންޑިއާ އައުޓް' ކެމްޕޭންގެ ޕެޓިޝަންގައި ސޮއި ހޯދަން މަސައްކަތް ކުރައްވާނެ. އޭގެ އިތުރަށް ވެސް ރައީސް ޔާމީން ބޭނުންފުޅުވެ ވަޑައިގަންނަވާ ޕާޓީގެ ސިޔާސީ ހަރަކާތްތައް ފުޅާ ކުރަން" ހީނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ދަތުރުފުޅުތަކުގައި ޕީޕީއެމް / ޕީއެންސީގެ ލީޑަޝިޕްގެ އެހެން ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
"އިންޑިޔާ އައުޓް" ކެމްޕޭނަށް ރައީސް ޔާމީން ރަށްރަށަށް ވަޑައިގަންނަވަން ނިންމަވާފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ޖެހޭ ކަމަށާ އެކަމަށް ގޮވާލާ ހަރަކާތް ފުޅާ ކުރައްވާނެ ކަމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެމަނިކުފާނު އިއުލާނު ކުރެއްވުމަށް ފަހު އެވެ. އެ ރޭ އޮތް އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ކެންޕެއިނަކީ އެމަނިކުފާނުގެ އިރުޝާދަށް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވިދާޅުވެ ޒިންމާ ނަންގަވާފަ އެވެ.