އަހުދު އައުކޮށް ގައުމަށްޓަކާ ތެދުވުމަަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް ޔާމީން އެކަމަަށް ގޮވާލެއްވީ މިރޭ ކުރެއްވެވި ޓްވީޓްގައެވެ. އެމަނިކުފާނު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ. އަދި ދިވެހި ގައުމުގެ ހައްގުގައި ތެދުވުމަށް ރައްޔިތުންނަށް ގޮވާލެއްވިއެވެ. އެމަނިކުފާނުގެ މި ގޮވާލެއްވުމަަށް ގައުމީ ހިދުމަތުގައި ތިއްބެވި ވަފާތެރިންނަށް އިލްތިމާސް ކުރެއްވިއެވެ.
އިދިކޮޅު ލީޑަރުގެ ޓްވީޓްގައި ވަނީ ގައުމަށްޓަކައި ވެފައިވާ އަހުދު އަައުކުރުމަށް ގޮވާލައްވާފައެވެ. ރައީސް ޔާމީންގެ މި ޓްވީޓް އަމާޒު ކުރައްވާފައިވަނީ ސަލާމަތީ ބާރުތަކަށް ކަމަށް ބެލެވެއެވެ.
ރައީސް ޔާމީން އިއްޔެވެސް ވަނީ އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމުގެ ތެރެއިން މިހާރު ފެންނަނީ އިންޑިއާގެ މަސްލަހަތަށް އެކަނި އިސްކަންދޭ ސިޔާސަތެއް ކަމަށެވެ. އެހެންވެ އެ ސިޔާސަތު އެމަނިކުފާނު ސިފަކުރެއްވީ ރާއްޖެ އަޅުވެތިކުރުމަށް ކުރިއަށް ގެންދާ ދެރަވަރު ސިޔާސަތެއްގެ ގޮތުގަ އެވެ.
އިންޑިއާ އަށް ފާޑުވިދާޅުވެ ރައީސް ޔާމީން ޓްވީޓެއް ކުރައްވާފައި މިވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ދަމަހައްޓަމުން އަންނަ "ނެއިބަހުޑް ފަސްޓް ޕޮލިސީ"ގެ ސިޔާސަތަށް މިފަހުން ބަދަލުތަކެއް އައިސްފައިވާ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަންތައްތަކެއް ހުރުމުންނެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ވީހާވެސް ފުޅާކޮށް އިންޑިއާ ސިފައިންގެ އެންމެ ފަހު މީހާ ރާއްޖެއިން ފައިބަންދެން އެ ހަރަކާތް ކުރިއަށް ގެންދަން ގޮވާލައްވާފަ އެވެ. އަދި އިންޑިއާ އައުޓް ހަރަކާތުގެ އިސް ސަފުގައި އެމަނިކުފާނު ހުންނަވައިގެން ރަށްތަކުގައި މީގެކުރިން ވަނީ ހިނގާލުންތަކެއް ވެސް ބާއްވާފަ އެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވާ އެ ހަރަކާތާ ގުޅުން ހުރި ކަންކަން ހުއްޓުވުމަށް ރައީސް ސޯލިހް ނެރުއްވި ގަރާރެއްގައި ދައުލަތުގެ އިދާރާތަކަށް ވަނީ އަންގާފަ އެވެ.
މިގަރާރާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނީ އެއީ ގާނޫނީ ހައިސިއްޔަތެއް ނެތް ގަރާރެއް ކަމަށެވެ. އަދި އިންޑިއާ އައުޓް ނުހުއްޓުވޭނެ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.