ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ޅ. ކުރެންދޫއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން ކުރެންދޫއަށް ވަޑައިގަންނަވާނީ މިއަދު މެންދުރު ފަހު ކަމަށެވެ.
ކުރެންދޫއަށް ރައީސް ޔާމީން ވަޑައިގަންނަވާ އިރު ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އިންތިހާބް މިމަހުގެ 26 ވަނަ ދުވަހު އޮންނާނެ އެވެ.
އެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓާ އޭނާގެ ކެމްޕޭންގެ ޓީމްގެ އިތުރުން ކުރެންދޫގެ ޕީޕީއެމް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
ކުރެންދޫއަށް ފަހު ރައީސް ޔާމީން މިއަދު ޅ. ނައިފަރަށް މިއަދު ހަވީރު ވަޑައިގަންނަވާނެ އެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން މިއަދު ހަވީރު ނައިފަރުގައި ބާއްވާ ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވެލައްވާނެ އެވެ.
ރައީސް ޔާމީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަލުން މިނިވަންވި ފަހުން އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާކުރައްވައި، އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސީދާ އެމަނިކުފާނު ގެންދަވަނީ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.
މާލެ އަތޮޅުގެ ރަށްތަކުން ރައީސް ޔާމީން ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި، ރ. އަތޮޅާއި، އދ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދިޔައީ އދ. މަހިބަދޫގަ އެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރާއި މަޖިލީހުން ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުން ދިޔަ ނަމަވެސް އިދިކޮޅުން ބުނެފައިވަނީ އެ ހަރަކާތް ހުއްޓާނުލާނެ ކަމަށެވެ. އަދި އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅާ ފާސްކުރި ނަމަވެސް އެފަދަ ގާނޫނަކަށް އަމަލުނުކުރައްވާނެ ކަމަށް އިދިކޮޅު ކޮލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.