އިސްލާމް ދީނާ ދެކޮޅު ފޮތެއް ރާއްޖޭގައި ވިއްކާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ނިންމައިފި އެވެ.
އިސްލާމިކް ދީނާ ދެކޮޅު މި ފޮތަކީ ކުރީގެ މަޝްހޫރު ލިޔުންތެރިޔަކު ލިޔެފައިވާ ފޮތެކެވެ. ޓްވިޓާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ އޭނާ އެ ފޮތް ގަތީ އިސްލާމްދީނުގެ މައުލޫމާތުގެ ފޮތެއް ކަމަށް ބަލައިގެން ކަމަށެވެ. ނަަމަވެސް އެ ފޮތުގައި ހުރީ އިސްލާމްދީނުގެ އުސޫލުތަކާ ހިލާފު ވާހަކަތަކެއް ކަމަށާއި އެ ފޮތުގައި ހުރިހާ ދީންތަކެއް އެއްކޮށްލަން ހިތްވަރު ދީފައިވާ ކަަމަށެވެ.
މި ޕޯސްޓަށް އިސްލާމިކް މިނިސްޓްރީން ޖަވާބުދާރީވެފައި ވެއެވެ. އެ މިިނިސްޓްރީން ބުނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ.
މި ފޮތުގެ މައްސަލަ އަމިއްލަ ފަރާތަކުން ފުލުހަށް ވެސް ހުށަހަޅާފައި ވެއެވެ. އެހެންވެ ފުލުހުން ވެސް މި މައްސަލަ ބަލަ އެވެ.
އިސްލާމް ދީނާ ދެކޮޅު ފޮތެއްގެ މައްސަލަ ފެންމަތިވި އިރު ކްލިކް ކޮލެޖްގެ ހަރަކާތެއްގައި ކްރިސްޓިއަން ދީނަށް ވާގިދޭ ލަވައެއް ޖެހި މައްސަލައެއް ވެސް މިހާރު ދަނީ ބަލަމުން ނެވެ. ކްލިކް ކޮލެޖުން ބުނެފައިވާ ގޮތުގައި އެ ލަވަ ޖެހުނީ އޮޅުމަކުން ނެވެ.