ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މުއްދަތު ހަމަވެފައިވާ ވެކްސިނެއް ނުޖަހަން: އެޗްޕީއޭ

ކޮވިޑް ބަލިން ރައްކާތެރިވުމަށް މުއްދަތު ހަމަވެފައިވާ ވެކްސިން ބޭނުން ކުރާ ކަމަށް ދެކެވޭ ވާހަކަތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދޮގުކޮށްފި އެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިން އަތޮޅު ތެރޭގައި ބޭނުން ކުރަމުންދާ ކަމަށް ބުނެ ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭގެ ތަރުޖަމާނު ޑރ. އާމިނަތު ނަޒްލާ ރަފީގް ވިދާޅުވީ މުއްދަތު ހަމަވެފައިވާ ވެކްސިން އެއްވެސް ރަށެއްގައި ބޭނުން ނުކުރާނެ ކަމަށެވެ. އަދި މިހާރު ބޭނުންކުރަމުންދާ ފައިޒާ ވެކްސިންގެ މުއްދަތު ހަމަވެފައިވާ ކަމަށް ފުޅީގެ ބޭރުގައި ލިޔެފައި ވިޔަސް، އޭގެ މުއްދަތު ހަމަވާނީ ތިން މަސް ފަހުން ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ އިން އަންގާފައިވާ ކަމަށެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 396،004 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 364،814 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ވެސް އެޗްޕީއޭއިން ވަނީ ޖަހަން ފަށާފަ އެވެ. މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 16،513 މީހުނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.