ވިޔަފާރި

ނުކުޅެދުންތެރިން އުފައްދާ ތަކެތި ވިއްކޭނެ ސެންޓަރެއް ހަދަނީ

Dec 11, 2015
11

ނުކުޅެދުންތެރިކަން ހުންނަ ކުދިން އުފައްދާ ތަކެތި ވިއްކޭނެ ފަދަ ސެންޓަރެއް ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރަން، އެޗްއާރުސީއެމް އިން ރޭ ދަރުބާރު ގޭގައި ބޭއްވި ހަފްލާފައި ރައީސް ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ހައްގުތަކުން މަހުރޫމް ކުރުވެމުން ދާ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން މުޖުތަމައުގައި އެންމެ ބޮޑަށް އަޅައި ނުލައި ދޫކޮށްލެވިފައިވާ ބަޔަކީ ނުކުޅެދޭ މީހުންނާއި އެ މީހުންގެ އާއިލާތައް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ކުދިންނަކީ ވެސް މުޖުތަމައުގައި މުހިންމު ބައެއް ކަމަށާއި އެ ކުދިންގެ ގައިގައި ވެސް ހުނަރުތަކެއް ހުންނާނެ ކަމަށެވެ.

ނުކުޅެދޭ ކުދިންގެ ހުނަރުތައް ދައްކާލުމުގެ މައުރަޒު ރެދަން އަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ އެތަނުން އެފަދަ ކުދިންގެ ހުނަރުވެރި މަސައްކަތްތަކެއް ފެނިގެން ދިޔަ ކަމަށެވެ. އަދި އެތަނުގައި ހުރި މަސައްކަތްތަކަކީ ބާޒާރަށް ނެރެ ވިއްކައި އޭގެން އެ ކުދިންނަށް ފައިދާތަކެއް ހޯދައިދެވިދާނެ ތަކެތި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ ވިސްނުން ހުރީ ނުކުޅެދޭ ކުދިން އެ މީހުން މަސައްކަތުން އުފައްދާ ތަކެއްޗާއި އެކި ހުނަރުތައް ބާޒާރަށް ނެރެ ވިއްކާނެ ސެންޓަރެއް އުފެއްދުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ވިސްނުންތައް ހުރެގެން އެކަން ކުރެވޭނެ ގޮތްތަކެއް ސަރުކާރުން ބަލަމުން މި އަންނަނީ. އެ ކުދިންގެ ހުނަރުތަކެއް އެބަ ހުރި. ފެއާގައި އެބަ ހުރި އެ ކުދިން އުފެއްދި މިކަހަލަ ތަކެތި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނުކުޅެދުންތެރިންގެ ހައްގުތަކާ މެދު މުޖުތަމައު މިހާރަށް ވުރެ މާބޮޑަށް ހޭލުންތެރިވާން ޖެހޭ ކަމަށެވެ، އަދި ނުކުޅެދުންތެރިންގެ ހައްގުތަކަށް އިހުތިރާމްކޮށް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. ރައީސް ވިދާޅުވީ އެފަދަ އާއިލާތަކަށް ވެސް އަޅާލުން ބޭނުންވާ ކަމަށެވެ. އަދި މުޖުތަމައުން އެ މީހުންނާ މެދު އަޅާނުލެވި ފަރުވާކުޑަކޮށްލެވިފައި އޮތް އޮތުމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރައްވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ ކުދިންނަށް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މިހާރު ވެސް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އެ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީ، ބޭސް ފަރުވާގެ ކަންކަން ހިލޭ ކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައި ހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.