ދުނިޔެ

އިޒްރޭލުން ހިޒްބުﷲގެ އިސް ބަޔަކު މަރާލުމުން މަސްރަހު ނާމާންވެއްޖެ

Jan 19, 2015

އިޒްރޭލުން ސީރިއާގެ ގުނައިތުރާ ޕްރޮވިންސަށް ދިން ހަމަލާތަކެއްގައި ލުބްނާންގެ ޝިޔައީ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲގެ އިސް ކޮމާންޑަރެއްގެ ދަރިއަކާއި ކޮމާންޑަރަކު މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ ހެލިކޮޕްޓަރަކުން މިސައިލްތަކެއް ފޮނުވާލާފައި ވަނީ ގޯލާންގެ ކައިރި ހިސާބަކުން ސީރިއާ ތެރެއިން ދަތުރުކުރި ކާރަކަށް ކަމަށެވެ. އެ ކާރަކީ ހިޒްބުﷲގެ ކޮމާންޑަރެއްގެ ދަރިއެއް ކަމަށްވާ ޖިހާދު މުގްނިޔާ ދަތުުރުކުރި ކާރު ކަމަށް ހިޒްބުﷲ އިން ބުންޏެވެ. މުގްނިޔާގެ އުމުރަކީ 20 އަހަރެވެ. މި ޒުވާނާ އަކީ 2008 ވަނަ އަހަރު ދިމިޝްގުގައި އިޒްރޭލުން ދިން ކަމަށް ޝައްކު ކުރެވޭ ހަަމަލާއެއްގައި މަރާލާފައިވާ ހިޒްބުﷲގެ ކޮންމާޑަރު އިމާދު މުގްނިޔާގެ ދަރިއެކެވެ.

ހިޒްބުﷲ އިން ބުނީ އެ ޖަމާއަތުން ސީރިއާގެ ކަންކަމަށް ކަނޑައަޅާފައި ހުންނަ ވެރިޔާ މުހައްްމަދު އީސާ ވެސް ހަމަލާގައި މަރުވި ކަމަށާއި މިއީ މި ވަރުގަދަ ހަމަލާގައި މަރުވި "މުހިންމު މީހުންގެ ތެރެއިން އެކަކު" ކަމަށެވެ. އަދި ބުނެފައި ވަނީ އިޒްރޭލުގެ ހަމަލާގެ ބަދަލު ހިފާނެ ކަމަށެވެ. ނަމަވެސް މަރުވީ ކިތައް މީހުން ކަމެއް ނުބުނެ އެވެ.

އަލްޖަޒީރާ އިން ބުނާ ގޮތުގައި މިއީ ސީރިއާގައި ހަނގުރާމަ ފެށި ފަހުން އިޒްރޭލުން ސީރިއާ ތެރޭގައި ހަމަލާ ދިން ހަތް ވަނަ ފަހަރެވެ. މި ހަމަލާ ދިންކަން އިޒްރޭލުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ އިޒްރޭލުގެ މީޑިއާ އިން ބުނެފައިވެ އެވެ.

އިޒްރޭލާއި ހިޒްބުﷲއާ ދެމެދު 2006 ވަނަ އަހަރު ވަރުގަދަ ހަނގުރާމައެއް ހިނގި އެވެ. މަސް ދުވަސް ވަންދެން ކުރި ހަނގުރާމާގައި ދެ ކޮޅުން ވެސް ވަނީ ކާމިޔާބީ އިއުލާނުކޮށްފަ އެވެ.