އިސްލާމިކް މިނިސްޓްރީ

ރިސޯޓް މިސްކިތްތަކަށް 87 ޚަތީބުން ތަމްރީނުކޮށްފި

Dec 8, 2021

ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަތީބުން -- ހުތުބާކިޔާ އިމާމުވެ ހުކުރުކުރާނެ މީހުން -- ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމްގައި 87 މީހަކު ތަމްރީނުކޮށްފި އެވެ.

ރިސޯޓުތަކުގެ މިސްކިތްތަކަށް އިމާމުން ތަމްރީނު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން ގުޅިގެން މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ހިންގި މި ޕްރޮގްރާމަކީ ނުވަ ބެޗަކަށް ބަހާލައިގެން ހިންގި ޕްރޮގްރާމެކެވެ. ކޮންމެ ބެޗެއްވެސް ކުރިއަށް ގެންގޮސްފައިވަނީ މަސް ދުވަހަށެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޖުމްލަ 207 ބައިވެރިންނެވެ. މީގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކުރެއްވީ 109 ބައިވެރިންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ޕްރޮގްރާމްއިން ފާސްވި 87 ދަރިވަރަށް ވަނީ ސަނަދު ޙަވާލުކުރައްވާފައެވެ. އަދި ސަނަދު ހާސިލްނުވާ ދަރިވަރުންނަށް 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އިތުރު ބެޗެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ.

ކައިރި ރަށްރަށުން އިމާމުންނާއި ހަތީބުން ރިސޯޓުތަކަށް ގެނައުމުގައި ދިމާވާ ދަތިތަށް ހައްލުކޮށް ރިސޯޓުތަކުގައި އިމާމުންނާއި ހަތީބުން ތަމްރީނުކުރުން މައިގަނޑު މަގުސަދެއްކަމުގައި ނިންމައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ހުތުބާ ކިޔާނެ ގޮތާއި ތިލާވާއި ނަމާދުގެ ފިގުހު އަދި ބަންގި ގޮވާނެ ގޮތުގެ ތަމްރީނުތައް ވަނީ ދީފައެވެ.