ހުޅުމާލެ

ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ބީޗެއް ހަދަނީ

ހުޅުމާލޭގައި ފަތުރުވެރިންގެ ބޭނުންތަކަށް ހާއްސަ ބީޗެއް ތަރައްގީކުރުމަށް ނިންމައި އެކަމުގެ އެއްބަސް ވުމުގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު އާތިފް އެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ނިލްފާ އެެވެ.

މިބީޗް ހެދުމަށް ހަމަޖެހިފައިވަނީ ހައިވޭ އިން އައިސް ހުޅުމާލެއަށް އަރަން އަންނަ ހިސާބުގައި ކުރިން ވޯޓާ ތީމް ޕާކް ހަދަން ނިންމި ސަރަހައްދު ގައެވެ.

ބީޗް ހަދާ ނިމޭއިރު އެތަނުގައި ޗޭންޖިން ރޫމުތަކާއި، ފާހާނާތަކާއި، އިށީނދެވޭނެ ގޮތްތަކާއި، ފެންވެރޭނެ އިންތިޒާމާއި އަދި ލައިފްގާޑް ހަޓަކާއި އެކި ކަހަލަ ކިއޮސްކްތައް ހުންނާނެ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ ހުޅުމާލޭގައި ބީޗެއް ހަދައިދިނުމަކީ މާލެ ސަރަހައްދުގައި ފަތުރުވެރިންނަށް ހިދުމަތް ދޭ މީހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެހެންވެ އެ މަސައްކަތް މިހާރު މިފެށީ ކަމަށާއި ވީއެންމެ އަވަހަށް މަސައްކަތް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން ހަދާ ބީޗްގެ މަސައްކަތް ވަރަށް އަވަހަށް ނިމި ބީޗް ބޭނުންކުރަން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.