ދުނިޔެއަށްް ކޮވިޑް ފެތުރިގަނެ ދެއަހަރުވާން އަންނައިރު ކޮވިޑްގެ ތަފާތު ވައްތަރުތައް އަންނަނީ އުފަންވަމުންނެވެ. މިއިން ކޮންމެ ވައްތަރަކަށް ވެކްސިން އާކޮށް އަދި ޖަހަން މަޖުބޫރުކުރާ ޑޯޒް ވެސް އަންނަނީ އިތުރު ކުރަމުންނެވެ.
ސައުތު އެފްރިކާއިން ގައުމުތަކަށް ފެތުރިގަނެގެން އުޅޭ އޮމިކްރޮންއާ އެކު ދުނިޔެ ތެޅިގަނެ މިހާރު ވެސް މީހުންގެ ގަޔަށް ޖަހަމުން ގެންދާ ވެކްސިނުން ފުއްދާލެވޭތޯ އަންނަނީ ބަލަމުންނެވެ.
އެމެރިކާގެ ބޭސްއުފައްދާ ކުންފުނި ފައިޒާއިން މިހާރު ބުނަނީ ކޮވިޑްގެ އާވައްތަރުތަކުން ދިފާއުވުމަށް ހަތަރުވަނަ ޑޯޒެއް ވެސް ޖަހަން ޖެހިދާނެ ކަމަށެވެ.
ފައިޒާގެ ސީއީއޯ އަލްބާޓް ބޫލާ ސީއެންބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމާއަތްތަކުން ހަތަރުވަނަ ޑޯޒެއް އިޚުތިޔާރުކޮށްފާނެ ކަމަށްޓަކައި ފައިޒާއިން ތައްޔާރު ވާނެ އެވެ.
އަލްބާޓް ބޫލާ މިހެން ވިދާޅުވިއިރު ނުފޫޒު ގަދަ ގައުމުތަކުން ވެސް ހަތަރުވަނަ ޑޯޒެއްގެ ވާހަކަ އަންނަނީ ދައްކަމުންނެވެ. އެމެރިކާ އާއި ޖަރުމަނުން އަދި އިނގިރޭސިވިލާތުން ދެކޭ ގޮތުގައި ކޮވިޑް އާ ވައްތަރުތަކުގެ މައްޗަށް ބާރުގަދަކުރުމަށް ހަތަރުވަނަ ޑޯޒެއް މުހިންމެވެ.
އަލްބާޓް ބޫލާ ވިދާޅުވާ ގޮތުގައި އޮމިކްރޮން ޖެހުމުން މީހުންނަށް މާބޮޑު އަސަރެއް ނުކުރާ ކަމަށް ބުނި ނަމަވެސް އެއީ ވެސް މީހުންނަށް ޖެހެން ބޭނުންވާނެ ވައްތަރެއް ނޫނެވެ. އޭނާ އަދި ވިދާޅުވީ ފައިޒާ-ބަޔޮންޓެކް ވެކްސިންގެ ތިންޑޯޒުން ފުދޭކަން ކަށަވަރު ކުރުމަށް ގައުމުތަކުން މައުލޫމާތު ބޭނުންވެ އެވެ.
ފައިޒާއިން ބުނާ ގޮތުން އެމީހުންގެ ނަސޭހަތަކީ ހަތަރުވަނަ ޑޯޒަކަށް ދިއުމެވެ. އަދި ބުނީ ކޮވިޑަށް ގިނަ ޑޯޒްތަކެއް ނުޖަހާ ފުދޭނެ ގޮތެއް ބަޔޮންޓޭކްއާ ގުޅިގެން އީޖާދުކުރަން އުންމީދުކުރާ ކަމަށެވެ.