ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖޯންސަން އެންޑް ޖޯންސަންސްގެ ވެކްސިންތަކެއް އުކާލަނީ

އުފެއްދުމުގެ މަރުހަލާގައި އެތައް މިލިއަން ކޮވިޑް ވެކްސިނެއް ގަޑުބަޑުވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށް ޖޯންސަން އެންޑް ޖޯންސަންސްއިން ބުނެފި އެވެ. އެ ކުންފުނިން ބުނީ މައްސަލަ ޖެހުނީ ދެ ބާވަތެއް އެކުވެގެން ކަމަށާއި ގާތްގަނޑަކަށް 15 މިލިއަން ޑޯޒް އުކާލަންޖެހޭ ކަމަށެވެ.

ބޭސް އުފައްދާއިރު އެއީ ކޮންމެ ބާވަތެއްގެ ބޭހެއް ނަމަވެސް އަސްލު ޑޯޒް ކަނޑައެޅުމުގެ ކުރިން ގިނަ ޓެސްޓްތަކެއް ކުރަންޖެހޭ ކަމަށް ޖޯންސަން އެންޑް ޖޯންސަންސްއިން ބުނެ އެވެ. އަދި ބުނީ ފެންވަރު ދަމަހައްޓައި ބޭނުންވާ އަދަދަށް ބޭސް އުފައްދަން ފަށަނީ އެ ބޭހެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ ކަމަށް ޓެސްޓްތަކުން ސާބިތު ވުމުން ކަމަށެވެ.

"އާންމު ހާލަތުގައި ބޭސް އުފައްދާއިރު ވެސް ކޮލިޓީ ކޮންޓްރޯލް ކުރުމަށް ކޮންމެވެސް ވަރަކަށް އުކާލަންޖެހޭ،" ޖޯންސަން އެންޑް ޖޯންސަންސްއިން ބުންޏެވެ. "އެއީ ކޮންމެ އުފެއްދުމުގައި ވެސް އެކަން އޮންނަ ގޮތް"

އެކަމަކު އެ ކުންފުނިން ބުނީ މިފަހަރު އުކާލަންޖެ ހުނީ މާގިނައިން ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންސްއިން ބުނީ ފެކްޓަރީގައި މައްސަލައެއް ދިމާވުމުން ކަމާ ގުޅުން ހުރި އިދާރާތަކަށް އަންގާފައިވާނެ ކަމަށާއި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ވެސް އެކަން އެންގި ކަމަށެވެ.

"ވެކްސިންގައި މައްސަލަ އުޅޭކަން އެނގުނުއިރު އަދި ބަންދު ކުރާކަށް ނުފަށަން،" ޖޯންސަން އެންޑް ޖޯންސަންސްއިން ބުންޏެވެ. އެ ކުންފުނިން ބުނީ ނުބައި ވެކްސިނެއް ފެކްޓަރީން ބޭރުވެފައި ނުވާނެ ކަމަށެވެ.

މައްސަލަ ދިމާވި ފެކްޓަރީ މިހާރު ހުރީ ބަންދު ކޮށްފަ އެވެ. އެއީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލައި ފާސް ކުރަންދެންނެވެ. މައްސަލައެއް ނެތްކަން ކަށަވަރު ކުރެވެންދެން ފެކްޓަރީގައި ބޭސް އުފައްދަން ނުފަށާނެ ކަމަށް ޖޯންސަން އެންޑް ޖޯންސަންސްއިން ބުނެ އެވެ.

ޖޯންސަން އެންޑް ޖޯންސަންސް ވެކްސިން އަކީ އެއްޑޯޒް ވެކްސިނެކެވެ. އެމެރިކާގައި އިމާޖެންސީ ބޭނުންތަކަށް މި ވެކްސިނަށް ހުއްދަދިނީ ފެބްރުއަރީގަ އެވެ. މިއީ އެމެރިކާގައި ހުއްދަދިން ތިންވަނަ ވެކްސިނެވެ. ފައިޒާ / ބަޔޮންޓެކް އަދި މޮޑާނާއަށް ވެސް ވަނީ ހުއްދަދީފަ އެވެ.