ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފައިޒާއިން ދެބިލިއަން ޑޯޒް މެދުފަންތީންގެ ގައުމުތަކަށް

އާމްދަނީ މަދުން ލިބޭ ގައުމުތަކަށް ދެ ބިލިއަން ޑޯޒް ކޮވިޑް ވެކްސިން ދޭން ތައްޔާރު ކަމަށް ފައިޒާގެ ސީއީއޯ އަލްބާޓް ބޫލާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެކަމާ ބެހޭ ގޮތުން ކުންފުނީގެ ބޯޑުގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި ބަޔޮންޓެކްއިން ވެސް އެކަމަށް އެދޭ ކަމަށެވެ.

އެމެރިކާގެ ފައިޒާގެ ނަމުގައި ކޮވިޑް ވެކްސިން މާކެޓްކުރިި ނަމަވެސް ވެކްސިން އުފައްދަނީ ޖަރުމަންގެ ބަޔޮންޓެކުންނެވެ.

ގްލޯބަލް ހެލްތު ސަމިޓްގައި ވާހަކަ ދައްކަވަމުން އަލްބާޓް ބޫލާ ވިދާޅުވީ ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ދެ ބިލިއަން ޑޯޒް ފޯރު ކޮށް ދެއްވާނެ ކަމަށާއި މަޝްރޫއު ކުރިއަށް ގެންދަވާނީ ދެ ފިޔަވައްސަށް ބަހާލައިގެން ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކުރިއަށް ދަނީ މެދުން ފަންތީގެ ގައުމުތަކާާއި އެއަށް ވުރެ މަދުން އާމްދަނީ ލިބޭ ގައުމުތައް ކަނޑައެޅުން ކަމަށެވެ.

އަލްބާޓް ބޫލާ ވިދާޅުވި ގޮތުން ފައިޒާއާ ބަޔޮންޓެކުން ކޯވެކްސް ޕްރޮގްރާމަށް ވެސް ވެކްސިން ދެއްވާނެ އެވެ. އެގޮތުން ކޯވެކްސްއަށް އެއްބިލިއަން ޑޯޒް ދޭނެ އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮން ޑާ ލޭޔަން ވިދާޅުވި ގޮތުގައި އީޔޫއިން ވެސް ވެކްސިން ހަދިޔާ ކުރާނެ އެވެ. އެގޮތުން އޭނާ ވިދާޅުވީ 100 މިލިއަން ޑޯޒް ހަދިޔާ ކުރައްވާނެ ކަމަށެވެ.

ގްލޯބަލް ހެލްތު ސަމިޓްގައި ބައިވެރިވެ ވަޑައިގެން ގައުމުތަކުގެ ވެރިން ވަނީ ކޮވިޑް ވެކްސިން ދުނިޔެއަށް ބެހެވިގެން ދާނެ ހަމަހަމަ އުސޫލަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެބޭފުޅުން ދެކެ ވަޑައިގަންނަވާ ގޮތުން ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީގެން މެނުވީ ކޮވިޑް ކޮންޓްރޯލެއް ނުވާނެ އެވެ.