އެމްޕީއެލްއިން ނަގަމުންދާ ޕައިލަޓޭޖް ފީތައް ކުޑަކޮށްފި އެވެ. ޕައިލަޓޭޖް ފީ އަކީ ބޯޓުތައް އެމްޕީއެލްގެ ބަނދަރު ސަރަހައްދަށް ވައްދަން އެހީތެރިކަން ފޯރުކޮށްދޭތީ ނަގާ ފީ އެވެ.
އެމްޕީއެލްއިން ވަނީ މާލެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ޕަސެންޖާ ލައިންތަކުގެ ޕައިލަޓޭޖް ފީތައް އެވްރެޖްކޮށް 50 ޕަސެންޓް ކުޑަކޮށްފަ އެވެ. އަދި ވެރީ ލާޖް ކްރޫޑް ކެރިއާ (ވީއެލްސީސީ) ތަކަށް ނަގާ ޕައިލަޓޭޖް ފީ 20 ޕަސެންޓާ ހަމައަށް ވަނީ ކުޑަކޮށްފަ އެވެ.
މީގެ އިތުރުން އެމްޕީއޭއެލްއިން ވަނީ ޓަގު ކުއްޔަށް ދިނުމުގެ އަގުތަކަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޓަގް ކުއްޔަށް ދޭ އަގުތައް ވެސް ވަނީ 30-50 ޕަސެންޓާ ދެތެރޭގެ އަދަދަކާ ހަމައަށް ކުޑަކޮށްފަ އެވެ. އެހެނިހެން ހިދުމަތްތަކުގެ އަގުތައްވެސް ކުޑަކޮށްފައިވާ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.
އެމްޕީއެލްއިން ބުނީ ޕައިލަޓޭޖް ފީތަކަށް ގެނެއި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ، މެރިޓައިމް އިންޑަސްޓްރީގައި ހިމެނޭ ފަރާތްތަކުގެ މަސްލަހަތަށާއި، މެރިޓައިމާ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް ފަހިވާނެ ފަދަ މާހައުލެއް ގާއިމްކުރެވޭނެ ގޮތްތަކަށް އިސްކަންދީގެން ކަމަށްވެސް އެމްޕީއެލްއިން ބުންޏެވެ.