މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްއިން "ޕޯޓް ސޭފްޓީ ވީކް" ފަށައިފި

ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކުރިއަށް ގެންދާ "ޕޯޓް ސޭފްޓީ ވީކް" ފަށައިފި އެވެ.

ވީކް ފައްޓަވައިދެއްވީ މިއަދު ހެނދުނު އެމްޕީއެލް ޕޯޓް ސަރަހައްދުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ.

މިއަދުން ފެށިގެން އެއް ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތަކީ އެމްޕީއެލްއިން 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއީ މި ހަރަކާތް ހިންގާ ތިންވަނަ ފަހަރެވެ.

ޕޯޓް ސޭފްޓީ ވީކް ފައްޓަވައިދެއްވުމަށްފަހު އެމްޕީއެލްގެ ބަނދަރުގައި މަސައްކަތް ކުރާ މީހުންނަށް ހެލްމެޓް ދީފައިވެ އެވެ. އަދި ޕޯޓްސް ލިމިޓެޑްގެ ސިއްހަތާއި ރައްކާތެރިކަމުގެ ޕޮލިސީވެސް އާންމު ކޮށްފައިވެ އެވެ. މި ޕޮލިސީ އާންމު ކޮށްދެއްވީ އެމްޕީއެލް ބޯޑުގެ ޗެއާމަން މުހައްމަދު ޝަރީފް އެވެ.

އެމްޕީއެލްގެ ސޭފްޓީ ޑިޕާޓްމަންޓްގައި ގިނަ އަހަރު މަސައްކަތް ކުރި މީހުންނަށް ހަނދާނީ ލިޔުން ދިނުންވެސް މި ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ އެވެ.

މިއަހަރުގެ ޕޯޓްސް ސޭފްޓީ ވީކުގައި އަތޮޅުތެރޭގައި ތިބޭ އެމްޕީއެލްގެ މުވައްޒަފުންވެސް ބައިވެރިވެ އެވެ. އަދި ޕޯޓް ސޭފްޓީއާއި ގުޅުންހުރި ފަރާތްތަކާއެކު ފޯރަމެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން މި ހަފްތާ ތެރޭގައި ހޭލުންތެރި ކުރުވުމަށްޓަކައި ޕްރޮގްރާމްތަކަކާއި ޓްރެއިނިން ޕްރޮގްރާމްތަކެއްގެ އިތުރުން ޑްރިލްތަކެއްވެސް ކުރިއަށް ގެންދާނެ އެވެ. މި ހަރަކާތްތަކުގައި އެމްޕީއެލްގެ ވަރަށް ގިނަ މުވައްޒަފުން ބައިވެރިވެ އެވެ.