މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އާމްދަނީ ހިއްސާކުރަން އެމްޕީއެލް އާއި މާލެ ސިޓީ ކައުންސިލް އެއްބަސްވެއްޖެ

މާލޭގެ އުތުރު ފަރާތު ބަނދަރާއި ޓީޖެޓީ ބަނދަރުން އެމްޕީއެލްއަށް ލިބެމުންދާ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާކުރުމަށް ދެ އިދާރާގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އެމްޕީއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މާލޭގެ ބައެއް ބަނދަރުތަކުން އެމްޕީއެލްއަށް ލިބޭ އާމްދަނީން ބައެއް ހިއްސާކުރަން އެއްބަސްވެވުނީ އެމްޕީއެލް އިން ބަނދަރު ބޭނުންކުރާތީ މާލެ ސިޓީ ކައުންސިލަށް ކުއްޔެއް ދޭ ގޮތަށް ކަމަށެވެ. ނަމަވެސް ކުލީގެ އަދަދެއް ނުވަތަ ބިމުގެ އަކަފޫޓަކަށް ކަނޑައަޅާފައިވާ އަދަދެއްވެސް ޝާހިދު ހިއްސާކުރައްވާފައެއް ނުވެ އެވެ.

"ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެވިގެން ކޮންޓްރެކްޓްގެ މަރުހަލާގައި މިހާރު މިއުޅެނީ،" ޝާހިދު ވިދާޅުވި އެވެ.

މާލޭގެ އުތުރު ފަރާތު ބަނދަރާއި ޓީޖެޓީ ބަނދަރުން ލިބެމުންދާ އާމްދަނީގެ އެއްވެސް މިންވަރެއް ކައުންސިލަށް ލިބެމުން ނުދާތީ، މީގެ ކުރިން އެކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ސިޓީ ކައުންސިލްގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް އޮފީހުން ވަނީ ސިޓީ ކައުންސިލްގެ އިހްތިސާސް އޮތް މާލޭގެ ބަނދަރުތަކުން އެމްޕީއެލް އަށް ލިބޭ އާމްދަނީގެ ބައެއް ސިޓީ ކައުންސިލާ ހިއްސާކުރެވޭ ގޮތްތަކެއް ހަމަޖެއްސުމަށް މިއަހަރުގެ ޖެނުއަރީ މަހު އެމްޕީއެލް އަށް އަންގާފަ އެވެ.

މިއެންގުމާ ގުޅިގެން އާމްދަނީ ހިއްސާކުރެވިދާނެ ގޮތްތަކަކާ ގުޅޭގޮތުން ދެ ފަރާތުގެ ހާއްސަ ޓީމެއް އެކުލަވާލައިގެން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު އާމްދަނީ ހިއްސާކުރުމާ މެދު ވަކި ގޮތަކަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަކަށް ސިޓީ ކައުންސިލުން މިއަދާ ހަމައަށްވެސް ބުނެފައެއް ނުވެ އެވެ. އަދި މިމައްސަލައިގައި މިއަދުވެސް ކައުންސިލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ޓީޖެޓީ، ސިޓީ ކައުންސިލްގެ ދަށުގައި އޮއްވާ އެ ބަނދަރު އެމްޕީއެލްއާ ހަވާލުކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އޭރު ހުންނެވީ ހައުސިން މިނިސްޓަރު ކަމުގަ އެވެ.