ރައްޔިތުންގެ މަޖިލިސް

އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމައިފި

Dec 9, 2021
3

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް ނިންމައިފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލަތްދޫ ދާއިރާގެ މެންބަރުން އަހްމަދު ހަލީމް އެވެ.

މި ހުށަހެޅުމަށް ކޮމިޓީގެ ރިޔާސަތުން ވޯޓަށް އެހުމުން އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ. އެމްއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲ އެވެ. ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވަނީ މިމަހުގެ ދެވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މި ބޭފުޅުންގެ ތެރެއިން ޝަކީލް ފިޔަވާ އެހެން ބޭފުޅުން އޭސީސީގެ މެންބަރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ސެޕްޓެމްބަރު 9، 2019 ގައެވެ. އޭސީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރައްވާ އޭނާ އަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ އޮގަސްޓް 25، 2019 ގައެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފައި މިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެވެ. ނަމަވެސް އަވަސް އެނގިފައިވާ ގޮތުގެ އޮޑިޓް އޮފީހުގެ ފައިނަލް ރިޕޯޓް ކޮމިޓީ އަށް އަދި ފޮނުވާފައެއް ނުވެ އެވެ.

އޭސީސީގެ މެންބަރުން އެކި ފަހަރު މަތިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށް، އެ ބޭފުޅުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެއްވޭ ކަމަށް ވިދާޅުވެ ކޮމިޓީގެ މެންބަރުން ވަނީ މީގެކުރިން ކޮމިޓީގައި އޭސީސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭސީސީގައި މިހާރު ތިއްބެވި މެންބަރުންނަށް އެކަށީގެންވާ މަސައްކަތް ނުކުރެއްވޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުން ވެސް ގެންދަނީ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ކޮމިޝަނަށް މަސައްކަތް ނުކުރެވޭ ކަމަށް ބުނާ މައްސަލައިގެ ދިފާއުގައި ކޮމިޝަނުން ބުނެފައިވަނީ މައްސަލަތައް ތަހުގީގު ކުރުމަށް އެކަށީގެންވާ މުވައްޒަފުންނާއި ވަސީލަތާއި ބަޖެޓް ވެސް ނެތް ކަމަށެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް ކޮމިޓީން ނިންމި ނަމަވެސް އެ ބޭފުޅުން އެ މަގާމުތަކުން ވަކިކުރެވޭނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުން ކޮމިޓީގެ ނިންމުން ފާސްކުރުމުންނެވެ.