ބުރުނި

ބުރުނި ކައިރީގައި ރިސޯޓެއް ހަދަން ހުށަހަޅައިފި

Dec 9, 2021

ތ. ބުރުނި ކައިރީގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެ ރަށު ކައުންސިލުން ސަރުކާރަށް ހުށަހަޅައިފި އެވެ.

ބުރުނީ ކައުންސިލުން އެކަމަށް ހުށަހެޅީ ކައުންސިލް މެންބަރުން ރައީސް އޮފީހުގައި މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

މިބައްދަލުވުމުގައި ކައުންސިލުން ވަނީ އަންނަ އަހަރު ބުރުނީގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށުމަށް ހަމަޖެހިފައިވާތީ އެކަމަށް ތައްޔާރުވުމަށް ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ.

ބޮޑު ފަޅެއް އޮތް ބުރުނީއާ މާދުރު ނޫން ހިސާބުގައި ބައެއް ފަޅު ރަށްތައް ވެސް ހުރެ އެވެ. ނަމަވެސް ތ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކާއި ވަރަށް ބޮޑަށް ވަކިން އޮންނަ ބުރުނީ ކައިރީގައި އެއްވެސް ރިސޯޓެއް މިހާތަނަށް ހަދާފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓް ހަދަން ބޭނުންވާ އިންވެސްޓަރުންނަށް މިދިޔަ އޮކްޓޫބަރު މަހު ހުޅުވާލި ރަށްތަކުގެ ތެރޭގައި ވެސް ބުރުނީއާ ކައިރީގައިވާ ރަށެއް ހިމަނާފައެއް ނުވެ އެވެ. އެކަމަކު އެ ލިސްޓްގައި ތ. އަތޮޅުގެ ދެ ރަށް ކަމަށްވާ ކާއްޑޫ އާއި އޮޅުފުށި އަދި އޮޅުފުށިފިނޮޅު ހިމަނާފައިވެ އެވެ.

މިބައްދަލުވުމުގައި ބުރުނީ ކައުންސިލުން ވަނީ އަންނަ އަހަރު އެރަށުގެ ބަނދަރުގެ މަސައްކަތް ފަށާއިރު އެ މަޝްރޫއުގެ ތެރެއިން ރަށަށް ރާގޮނޑި އައިނު ވަންނަ ސަރަހައްދު ތަރައްގީކޮށްދިނުމަށް ވެސް ސަރުކާރަށް ހުށަހަޅާފަ އެވެ. ބުރުނީ ފަޅަކީ އާންމުކޮށް ރާނގޮޑި ވަންނަ ފަޅެކެވެ.

މީގެއިތުރުން ބުރުނީ ސްކޫލަށް ކުރިމަތިވާ ދަތިތަކާއި، ކައުންސިލް އިމާރާތަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ރަށުގެ ސިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ވެސް ކައުންސިލް މެންބަރުން ފާހަގަކުރެއްވި އެވެ. އަދި ބުރުނީގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާ ކަމަށްވެސް ބައެއް ކައުންސިލަރުން ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލަރުންގެ ކަންބޮޑުވުންތަކާއި ހުށަހެޅުންތައް އަޑުއެއްސެވުމަށްފަހު ރައީސް ސޯލިހް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ތެރެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހައްލު ހޯދައިދެވެން ހުރި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.