ރައްޔިތުންގެ މަޖިލިސް

ޒުވާނުން މަޖިލީހަށް އަހުލުވެރިކުރުވި ޕްރޮގްރާމު ނިންމާލައިފި

Dec 9, 2021

ރައްޔިތުންގެ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ "ޕްރެކްޓިސް ޕާލަމަންޓް ފޯ ޔޫތު" ޕްރޮގްރާމު ނިންމާލައިފި އެވެ.

މިޕްރޮގްރާމު ނިންމުމުގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެެއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އެވެ.

ޕްރެކްޓިސް ޕާލިމަންޓް ފޯ ޔޫތު ޕްރޮގްރާމުގައި ރާއްޖޭގެ އެކި ސަރަހައްދަށް ނިސްބަތްވާ 40 ޒުވާނުން ބައިވެރިވި ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވެ އެވެ.

ޕްރޮގްރާމު ފުރިހަމަ ކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އާޒިމް ވިދާޅުވީ މަޖިލީހުގައި އަންހެނުންނާއި ޒުވާނުން މަދު ކަމަށެވެ. އެހެންވަނީ އިންތިހާބެއްގައި ވާދަކޮށްގެން ބަލިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށާއި ނަމަވެސް މީހަކު ކިޔާފާނެ އެއްޗަކަށް ބެލުމެއް ނެތި ސިޔާސީ މައިދާނުގައި ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ކުރިއަށް ނެރުމަށް އިލްތިމާސް ކުރެއްވި އެވެ.

ޕްރެކްޓިސް ޕާލިމެންޓް ފޯ ޔޫތް ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ޒުވާނުން އަދި ވަކިން ހާއްސަކޮށް އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދީ އެކަމުގައި އެހީތެރިވެ ދިނުމާއެކު މުސްތަގުބަލްގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ހިތްވަރު ދިނުމެވެ.

މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން, އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.