ބޮލީވުޑް

ކެޓުރީނާ އާއި ވިކީ - މިހާރު ދެމަފިރިން!

ކެޓުރީނާ ކައިފް އާއި ވިކި ކޯޝަލް ދެމަފިރިންގެ ގޮތުގައި ނަގާފައިވާ ފޮޓޯތައް އެމީހުންގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓްތަކުން ޝެއާ ކުރުމާއެކު ފިލްމީ ތަރިންނާއި އެމީހުންގެ ފޭނުން ބޮޑު ތަރުހީބެއް ދީ އަލަތު ދެމަފިރިންނަށް މަރުހަބާ ކިޔައިފި އެވެ. ކައިވެނި ކުރުމާ ހަމަޔަށް ވެސް ކެޓުރީނާ އާއި ވިކީ އެމީހުންގެ ގުޅުން އާންމުންނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެމީހުންގެ އާއިލާގެ މީހުންނާއި އެކުވެރިން ވެސް ތިބީ ހައްޕު ކިޔައިގެންނެވެ. އަދި މިއީ ދޮގު ވާހަކަތަކެއް ކަމަށާއި ކެޓުރީނާ އާއި ވިކީ ކައިވެނިކުރަން ނޫޅޭކަމަށް ވެސް ބައެއް މީހުން ވާހަކަ ދެއްކި އެވެ.

ނަމަވެސް ފާއިތުވީ ދެ މަހެއްހާ ދުވަހު އިންޑިޔާގެ ނޫސްތަކުން ފެތުރީ ތެދު ޚަބަރެއްކަން އިއްޔެ ވަނީ ޔަގީންވެފަ އެވެ. ޚުދް ކެޓުރީނާ އާއި ވިކީވެސް އެމީހުންގެ ކައިވެނީގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ޝެއާ ކުރުމާ ގުޅިގެންނެވެ.

ފިލްމީ ތަރިންގެ ތެރެއިން ގިނަ ބަޔަކު ވިކި އާއި ކެޓުރީނާ އަށް މަރުހަބާ ކިޔައި މެސެޖުތައް ޝެއާ ކޮށްފައި ވެއެވެ. އޭގެ ތެރެއިން ވެސް އެންމެ މަޖާ މެސެޖެއް ޝެއާކުރީ އަނުޝްކާ ޝަރުމާ އެވެ. ވިކީ އާއި ކެޓުރީނާ ދެމަފިރިންގެ ގޮތުގައި ދިރިއުޅެން ހަމަޖެހިފައިވާ ގެ ހުންނަނީ އަނުޝްކާ ދިރިއުޅޭ ބިލްޑިންގްގަ އެވެ.

"ރީތި ރީތި ދެ މީހުންނަށް މަރުހަބާ. މުޅި އުމުރަށް އެކުގައި ލޯތްބާއެކު އުޅެވުން އެދެން. ދެ މީހުންނަށް އެންމެ ފަހުން ކައިވެނި ކުރެވި އާ ގެއަށް ބަދަލު ވެވޭތީ އުފާކުރަން. އޭރުން އަހަރެމެންނަށް ތި ގޭގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ އަޑުފައްގަނޑުން ސަލާމަތް ވެވޭނެއެއްނު،" އަނުޝްކާގެ މެސެޖުގައި ވެއެވެ.

ވިކީ މިހާތަނަށް ދިރިއުޅެމުން ދިޔައީ މައިންބަފައިންނާއެކުގަ އެވެ. އެހެންވެ ކެޓުރީނާ އާ ކައިވެނި ކުރަން ބޭނުންވުމުން މިދިޔަ ޖުލައިމަހު އޭނާ ވަކިން ގެއެއް ހޯދައި އެ ގެ ރީތިކުރުމުގެ މަސައްކަތް ފެށީ އެވެ.

ކެޓުރީނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާ މިހާރު ރައްޓެހިވެގެން އުޅޭ އާލިއާ ބަޓް ވެސް ވަނީ ވިކީ އާއި ކެޓުރީނާ އަށް މަރުހަބާ ކިޔާފަ އެވެ. އަދި ދީޕިކާ ޕަދުކޯން އާއި ކަރީނާ ކަޕޫރު ފަދަ ބަތަލާ އިން ވެސް މަރުހަބާގެ މެސެޖުތައް ޝެއާ ކޮށްފައި ވެއެވެ.

ވިކީ އަށް ވުރެ ކެޓުރީނާ ފަސް އަހަރު ދޮށްޓެވެ. ނަމަވެސް މިހާރު ބޮލިވުޑްގެ ކައިވެނިތަކަށް ބަލާއިރު މިއީ އާ ކަމެއް ނޫނެވެ. ޕްރިޔަންކާ ޗޯޕްޅާ، އައިޝްވަރިޔާ ރާއީ ފަދަ ބަތަލާ އިން ވެސް ކައިވެނިކޮށްފައިވަނީ އެމީހުންނަށް ވުރެ ހަގު މީހުންނާ އެވެ.