ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަސްވެރިންގެ ދުވަހަށް ރައީސް ގާފަރަށް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވަވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާލެއަތޮޅު ގާފަރަށް ފުރާވަޑައިގެންފި އެވެ.

މި އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވަވާ ހާރަކާތްތަކުގައި ރައީސްގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ގާފަރަށް ވަޑައިގަންނަވަނީ ދެ ދުވަހަށެވެ. އެ ދަތުރުފުޅުގައި ގާފަރުގައި ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށާއި، ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވަވާ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށާއި، ފިޝަރީސް އެކްސްޕޯ ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ގާފަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގާފަރު ބަނދަރު ސަރަހައްދުގައި ހަދާފައިވާ މޮނިއުމެންޓެއް ނައިބު ރައީސް ހުޅުއްވައިދެެއްވާނެ އެެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ގާފަރުގައި ގާއިމްކޮށްފައިވާ ޕޮލިސް ޕޯސްޓަށް ޒިޔާރަތްކުރެއްވުމަށާއި، ގާފަރު ކައުންސިލާއި އަންހެންނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.