މަސްވެރިންގެ ދުވަސް

ހޮރައިޒަން އިން މަސްހުނި ދަޅުގައި ބަންދުކޮށްގެން ބާޒާރަށް ނެރެފި

Dec 10, 2021

މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމުގައިވާ ހޮރައިޒަން ފިޝަރީޒުން މަސްހުނި، ދަޅުގައި ބަންދުކޮށްގެން ބާޒާރަށް ނެރެފި އެވެ.

ހޮރައިޒަންގެ "މަސްހުނި" ދަޅު ރަސްމީކޮށް ބާޒާރަށް ނެރެދެއްވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ. ގާފަރުގައި މިހާރު ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

ހޮރައިޒަންގެ އޮފިޝަލަކު ވިދާޅުވީ މަސްހުންޏަކީ ދިވެހިންގެ ހެނދުނުގެ ނާސްތާގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއް ބާވަތަށްވާތީ މަސްހުންޏަށް ޑިމާންޑް އޮންނާނެ ކަމަށް ބަލައި ދިވެހިންނަށް އެންމެ ކަމުދާ ރަހަތައް ހިމެނޭ ގޮތަށް މަސްހުނި ތައްޔާރުކޮށް ދަޅުގައި ބަންދުކޮށްގެން ބާޒާރަށް ނެރެން ނިންމީ ކަމަށެވެ.

"މިހާރު މަސްހުނި ތައްޔާރުކުރުމަށް ހެނދުނު ވަގުތުތަކެއް ހޭދަކުރުމުގެ ބަދަލުގައި އަޅުގަނޑުމެންގެ މި ދަޅު ގަނެގެން ފަރިއްކުޅުއްވީމާ ވަރަށް ބޮޑަށް ފަސޭހަވެސް ވެގެން މިޔައީ. ރަހަ ވަރަށް ރަނގަޅު ވާނެ ކަމުގެ ޔަގީންކަން ދެން،" އޮފިޝަލް ވިދާޅުވި އެވެ.

ހޮރައިޒަން މަސްހުނި ދަޅު ފެށޭ ހަފްތާ އިން ފެށިގެން ހޮރައިޒަން ފިޝަރީޒްގެ ޝޮޕުންނާއި ޗާނދަނީ މަގުގައި ހުންނަ ސީފުޑް ޕްލަސްއިން އާންމުކޮށް ގަންނަން ލިބޭނެ އެވެ.

މަސްހުނި އުފައްދާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭއިރު 185 ގްރާމުގެ މަސްހުނި ދަޅެއް ވިއްކުމަށް ހަމަޖައްސާފައިވަނީ 15 ރުފިޔާ އަށެވެ. ކޭހެއްގެ ވިއްކަން ހަމަޖައްސާފައިވަނީ 640 ރުފިޔާ އަށެވެ.