ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ސަރުކާރުން 50 މިލިއަން ރުފިޔާ ދޭން ސެޕްޓެމްބަރު މަހު ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ "އަވަސް"އަށް ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި މަހުގެ އަގު މަތިކޮށް މަސްވެރިންނަށް ދޭ ފައިސާ ބަރާބަރަށް ދިނުމަށްޓަކައި ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު މިފްކޯ އަށް 50 މިލިއަން ރުފިޔާ ދޭން ނިންމި ކަމަށެވެ. އަދި އެގޮތަށް ނިންމީ މަސްވެރިންނަށް ފައިސާ ނުދެވިދާނެ ކަމުގެ ބިރު އޮތުމުން ސެޕްޓެމްބަރު މަހު ކަމަށެވެ.
"މަސްވެރިންނަށް ބަރާބަރަށް ފައިސާ ނުދެ ވޭނީ އެކަން ރަނގަޅު ކުރުމަށްޓަކައި 100 މިލިއަން ރުފިޔާގެ 'މެޗިން ފަންޑެއް' އުފެއްދުމަށް ނިންމީ ސެޕްޓެމްބަރު މަހު. އެހެންވެ މިހާރު މަސްވެރިންނަށް ފައިސާ ނުދެވޭނެ ސަބަބެއް ނޭނގެ،" ޝައިނީ ވިދާޅުވި އެވެ.
"އަވަސް" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ދޭން އެއްބަސްވި 50 މިލިއަން ރުފިޔާ މިފްކޯ އަށް އަދި ލިބިފައެއް ނުވެ އެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންނަށް ވިއްކި މަހަށް ފައިސާ ދެވޭނެ ގޮތް ނެތި އެ ކުންފުނި ވަނީ މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ. އެނގިފައިވާ ގޮތުގައި މަސްވެރިން ވިއްކި މަހަށް 10 މިލިއަން ރުފިޔާވަރު ދޭން ޖެހެ އެވެ. ބައެއް ދޯނި ފަހަރަށް ދެ މިލިއަން ރުފިޔާވަރު ދޭން އެބައޮތެވެ.
ސަރުކާރުގެ މަސް ކުންފުންޏަށް ސަރުކާރުން ފައިސާ ދޭން ނިންމިއިރު 6، ނޮވެމްބަރު 2017 ވަނަ އަހަރު ސަރުކާރުން 46.3 މިލިއަން ރުފިޔާގެ ލޯނެއް ދީފައިވެ އެވެ. ފިނޭންސް މިނިސްޓްރީން އޭރު ބުނި ގޮތުގައި އެ ލޯނު ބޭނުން ކުރާނީ މަސްވެރިންނަށް މިހާރު ދިމާވެފައި ހުރި މައްސަލަތަކާއި މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ގަތުމަށް ކަމަށް ފިނޭންސުން ބުންޏެވެ.
މިފްކޯގެ މާލީހާލަތު ދަށްވުމުން ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 29، ސެޕްޓެމްބަރު 2016 ވަނަ އަހަރު އެވެ. އަދި އޭރު އެ ކުންފުނީގައި 300 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ބުނެފައިވެ އެވެ.