ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރު ތައާރަފް ކުރި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަން އެއް ފަށައިފި އެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން މިއަދު ފެށި މި ޕްރޮމޯޝަންގައި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތައް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދޭނެ ކަމަށް މިއަދު ބެންކުން ބުންޏެވެ.
މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބުމަށާއި ކުރަންޖެހޭ ހަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް އުފައްދާފައިވާ ކާޑެކެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ދޭންޖެހޭ ފައިސާވެސް ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވޭ ހިދުމަތް އެ ކާޑުގައި ވެ އެވެ.
މީގެ އިތުރުން، މި ކާޑު ޕީއޯއެސް އާއި އޭޓީއެމް އަދި ކޭޝް އެޖެންޓުންގެ ހިދުމަތް ހޯދުމަށްވެސް ބޭނުންކުރެވޭނެ އެވެ. އަދި އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖޭން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެ ގޮތް ވަނީ ބީއެމްއެލް އިން ހަދާފަ އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިޔަށްދާ މަސްވެރިންގެ އެކްސްޕޯގައި ބީއެމްއެލްގެ ސްޓޯލުން މި ކާޑާ ގުޅޭ މައުލޫމާތު ދެ އެވެ. އަދި މި ކާޑަށް އެދި ހުށަހަޅާ ފޯމުވެސް ބަލައިގަނެ އެވެ.