ވިޔަފާރި

ދައުލަތައް 12 ބިލިއަން ރުފިޔާގެ އާމްދަނީއެއް

Dec 12, 2015
  • ޖީއެސްޓީގެ ގޮތުގައި 473 މިލިއަން ރުފިޔާ
  • ބީޕީޓީގެ ގޮތުގައި 32 މިލިއަން ރުފިޔާ
  • އެއާޕޯޓުން 58 މިލިއަން ރުފިޔާ

މިދިޔަ މަހުގެ ނިޔަލަށް ދައުލަތައް އާމްދަނީގެ ގޮތުގައި 12 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ބުނި ގޮތުގައި މި އަހަރުގެ ޖެނައަރީ މަހުން ނޮވެންބަރު މަހުގެ ނިޔަލަށް ދައުލަތައް 12 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 14.7 ގެ އިތުރުވުމެކެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިންނެވެ. އަދި ދެވަނަ އަށް އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ބީޕީޓީ އިންނެވެ.

ނޮވެމްބަރު މަހު ދައުލަތައް އާމްދަނީގެ ގޮތުގައި 833 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު 4.7 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ނޮވެންބަރު މަހުން ފެށިގެން ޓީޖީއެސްޓީ ރޭޓު 12 އަށް އިތުރު ކުރުމެވެ.

ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވިނަމަވެސް، މިއީ މި އަހަރު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށް ވުރެ 7.6 ޕަސެންޓް ދަށް އަދަދެކެވެ. މީގެ ސަބަބަކީ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވުނު ޓޫރިސްޓުންގެ އަދަދު މަދުވުމެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 473.04 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބިން ކުއްޔަށް ދީގެން ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 193.56 މިލިއަން ލިބިފައިވެ އެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 58.42 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި 32.67 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ރެޒިޑެންޓް ޕާމިޓްގެ ގޮތުގައި 24.41 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.