ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ ލޯލާރިއަކަށްވެސް ހިޔާނާތް ނުވާނަން: ރައީސް

ރައްޔިތުންގެ ލޯ ލާރިއަކަށްވެސް ހިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމަށާ ވެރިކަމުގެ މަސްއޫލިއްޔަތާ ޒިންމާގެ ބޮޑުކަމާ މަތިވެރިކަން ދައްޗާ، ތުލާރާ އުނދަގުލުގައިވެސް އެމަނިކުފާނުގެ ހަނދާނުން ކެހިގެން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ އެމަނިކުފާނުގެ ސަރުކާރުގެ ތަރުތީބުގައި ނަންބަރު އެކެއް ކަމަށާ ސަބަބަކީ މި ސަރުކާރު ވެރިކަމަށް އައިއިރު މަސްވެެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދި ޝަކުވާއަކީ ކިރާ މަހަށް އަވަހަށް ފައިސާ ނުލިބުން ކަމަށެވެ.

ކޮންމެ މީހަކުވެސް ކުރާ މަސައްކަތެއް ކުރުމުގެ ބޭނުމަކީ އެއާ އެކަށޭނަ އަގު ނުވަތަ އުޖޫރަ ލަސްނުވެ ލިބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ދުވަހުން ދުވަހަށް މަހުން މަހަށް، މަހުގެ އަގު ނުލިބުމުގެ ދައްޗާއި ތަކުލީފު މަސްވެރިން އުފުލަން ޖެހުމަކީ ވެގެންވާނެ ގޮތެއް ނޫން. އެތަށް ދުވަހަކު ކަނޑު ތަހަންމަލު ކުރުމަށް ފަހު އާއިލާއާއެކު ރަށުގައި ހުންނަ ދުވަހު އެ ފިކުރު މަސްވެރިންނަށް އޮވެގެން ނުވާނެ. އެ ދުވަހު މަސްވެރިޔާ ހުންނަން ޖެހޭނީ ކުރި މަސައްކަތުގެ އަގު އަތަށް ލިބިގެން އުފަލުން. އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ހުރީ ނުދީ. ބެޔަސް ނުދީ، އަދި ހަަމަ ނުބެޔަސް ނުދީ،" ކުރީ ސަރުކާރުގެ ބެޔަސް ނުބެޔަސް ސިޔާސަތަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ މަސް ގަތުމަށް ފަހު ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން ކަމަށާ ގިނަވެގެން ހަފްތާއެއްގެ ތެރޭގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ހަލާސްކުރުން ކަމަށެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ އެ ފައިސާ އެހެން އެކައުންޓަކަށް ޖަމާކޮށް އޭގެން ފައިދާ ނުހޯދުން ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވީއިރު މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ހުރީ ނުދީ. ނަތީޖާއެއްގެ ގޮތުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ނުދީ ހުރި މަސްވެރިންގެ ހައްގު، ހަލާލު މިދެންނެވި ފައިސާ ދީ ހަލާސް ކުރުން. އިރާދަކުރެއްވީތީ އެކަންވަނީ ކޮށް ނިމިފައި. ރައްޔިތުންގެ ލޯ ލާރިއަކަށްވެސް އަޅުގަނޑު ހިޔާނާތްތެރިއެއް ނުވާނަން. ވެރިކަމުގެ މަސްއޫލިއްޔަތާއި ޒިންމާގެ ބޮޑުކަމާ މަތިވެރިކަން، ދައްޗާ ތުރާލާ އުނދަގުލުގެ ތެރޭގައިވެސް އަޅުގަނޑުގެ ހަނދާނުން ކެހިގެން ނުދާނެ،" 15 މިނެޓްގެ ތަގުރީރުގައި ރައީސް ވިދާޅުވިއެވެ.