މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ދިވެހިންގެ މަހުގެ އުފެއްދުންތައް ރާއްޖެއާ ގުޅުވައި ބްރޭންޑް ކޮށްގެން ވިއްކަންޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މަސްވެރިން ދުވަހުގެ މުނާސަބަތުގައި މިރޭ ގާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ މިއަދު "މޯލްޑިވްސް"އޭ ބުނުމުން ނޭނގޭ މީހަކު ދުނިޔޭގައި ނެތް ކަމަށާއި އެ ނަމުގައި ރާއްޖޭގެ ޓޫރިޒަމް އެހާ ވެސް މަޝްހޫރު ކަމަށެވެ. އެހެންކަމުން ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިނުމަށް "މޯލްޑިވްސް ޓޫނާ" ކަހަލަ ރާއްޖޭގެ ނަން ބޭނުންކޮށްގެން ދިވެހި މަސް ބްރޭންޑް ކުރަންޖެހޭ ކަމަށެވެ.
"މޯލްޑިވްސްއޭ ބުނީމާ ނޭނގޭ މީހަކު މިހާރު ނޫޅޭ. އެގޮތަށް ރާއްޖޭގެ ނަން ބޭނުންކޮށްގެން ދިވެހި މަސް ޕްރޮމޯޓް ކުރަންޖެހޭ. އެއީވެސް ހަމަ އަގު ހޯދޭނެ ގޮތެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ފިޝަރީޒް ޕްރޮމޯޝަން ބޯޑު، ރައީސުލްޖުމްހޫރިއްޔާ މިހާރު އުފައްދަވާފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ހުސައިން ވިދާޅުވީ ދިވެހި ބަސް ބްރޭންޑް ކޮށް ރާއްޖޭން ބޭރުގައި ވިއްކޭނެ ގޮތްތަކެއް ބޯޑުގައި މަޝްވަރާކޮށް ހޯއްދަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޑރ. ހުސައިން ވިދާޅުވީ ދިވެހިން މަހަށް ދަނީ ޑީސަލް އަންދައިގެން ކަމަށްވާތީ ތެލަށް އަންނަ ކޮންމެ ބަދަލެއް މަހުގެ އަގަށްވެސް ކުރާ ކަމަށެވެ. ދިވެހިން ބާނާ އެންމެ ގިނަ މަސް ބޭރުކުރަނީ ޔޫރަޕަށް ކަމަށްވެފައި ޔޫރަޕުން ދިވެހި މަހަށް ބޮޑު ޑިއުޓީ ނެގުމަކީ ވެސް ދިވެހިން ބާނާ މަހަށް ހަމަ އަގު ލބުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން ދިވެހިން ބާނާ މަހަށް ހަމަ އަގު ހޯދުމުގެ ފުރިހަމަ ބާރުވެރިކަން ދިވެހިންގެ އަތް މަތީގައި ނެތް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"އެކަމަކު ފޮރިން އެފެއާޒުން ދޭތެރެއިން ދޭތެރެއިން ވަފްދުތައް ފޮނުވައިގެން އެބަ މަސައްކަތް ކުރޭ ޑިއުޓީ ކުޑަކުރަން. މަސްވެރިންނަށް ހަމަ އަގު ހޯދައިނުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް އެބަ މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ހުސައިން ވިދާޅުވީ ދިވެހިން ބާނާ މަހުގެ ކޮލިޓީގެ މައްސަލަ ވެސް އަދިވެސް ކުރިމަތިވާ ކަމަށެވެ. އެގޮތުން ނަނު އެއްލައިގެން ބާނާ ރީދޫ އުރަހަލީ ކަންނެލީގެ ތެރެއިން އޭ ގްރޭޑްގައި އެވްރެޖުކޮށް ވިއްކާލެވެނީ އެންމެ 15 ޕަސަންްޓް މަސް ކަމަށްވެސް ވިދާޅުވި އެވެ. އައިސްޕްލާންޓްތައް ގާއިމުކޮށް އައިސް އުފައްދާ މިންވަރު ސަރުކާރުން އިތުރުކުރަން މަަސައްކަތް ކުރަނީ ވެސް މަހުގެ ކޮލިޓީ ހިފަހައްޓަން ކަމަށްވެސް ވިދާޅުވި އެވެ.
"ބާކީ މިދަނީ ބީ ގްރޭޑަށާއި ރިޖެކްޓަށް. މިކަން ރަނގަޅު ކުރަން އަޅުގަނޑުމެން އަދިވެސް ބޮޑަށް މަސައްކަތް ކުރަންޖެހޭ،" ޑރ. ހުސައިން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން މަސް އެކްސްޕޯޓް ކުރުމަށް މިހާރު ނަގަމުންދާ ސީފްރައިޓް އަދި އެއާ ފްރައިޓް ޗާޖު ވެސް ބޮޑު ކަމަށެވެ. ގާފަރުގައި މިމަހުގެ އަށަކުން ނުވަޔަކަށް ބޭއްވި ފޯރަމުގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދުމާ ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތަކުގައި ހަމަ އަގުގެ ގޮތުގައި ވަކި އަގެއް ކަނޑައަޅާފައި ނުބޭއްވޭނެ ކަމަށް ބައިވެރިންނަށް އެއްބަސްވެވުނު ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ހަމަ އަގުގެ ގޮތުގައި އެވަގުތު ބާޒާރުން ލިބެން ހުރި އެންމެ ރަނގަޅު ހޯދައިދިނުން އެއީ ހަމަ އަގުގެ ގޮތުގައި ވެސް ވާހަކަދެކެވުނު ކަމުގައި ވިދާޅުވި އެވެ.
މިސަރުކާރުން މަސްވެރިކަން ތަރައްގީކުރުމަށާއި މަސްވެރިންނަށް ހަމަ އަގު ހޯދައިދޭން މަސައްކަތް ނުކުރާ ކަމަށް ބައެއް މީހުން ބުނާ ބުނުމަށްވެސް މިނިސްޓަރު ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ ފެލިވަރާއި ކޫއްޑޫ ވީރާނާވަމުން ދަނިކޮށް އެ ދެ ފެކްޓަރީގެ ސްޓޯރޭޖު ކެޕޭސިޓީ ބޮޑުކޮށް، އެތަން ތަރައްގީ ކުރުމުގެ ބޮޑު މަސައްކަތްތައް ފެށީ މިސަރުކާރުގައި ކަމަށެވެ. އަދި މަސް ޕްރޮސެސްކޮށްގެން ބޭރަށް ވިއްކުން މޮނޮޕޮލައިޒް ކޮށްފައި ވަނިކޮށް އެކަން ނިމުމަކަށް ގެނައީ މިސަރުކާރުން ކަމަށްވެސް ވިދާޅުވި އެވެ. މަސް ޕްރޮސެސްކޮށްގެން މަސް ބޭރުކުރަން ބޭނުންވާ ކޮންމެ މީހަކަށް މިހާރު އެ މަސައްކަތް ކުރެވޭނެ ކަމަށާއި އެގޮތަށް ގިނަ އުފެއްދުންތައް އުފައްދައިގެން މަސް ބޭރުކުރުމަކީ ވެސް ހަމަ އަގު ލިބޭނެ ގޮތެއް ކަމަށް ވިދާޅުވި އެވެ.
ޔޫރަޕުން ދިވެހި މަހަށް 2014 ވަނަ އަހަރުން ފެށިގެން ނަގަމުންދާ ބޮޑު ޑިއުޓީ ކުޑަކުރުމަށްވެސް މިސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ސަރުކާރުގެ ވަފްދެއް ދާދި ފަހުން އީޔޫގެ އިސްވެރިންނާ ބައްދަލުކުރައްވާ ޑިއުޓީ ކުޑަކުރުމުގެ މަޝްވަރާތަކެއް ކޮށްފައިވާތީ ދިވެހި ސަރުކާރު ތިބީ އީޔޫގެ ޖަވާބެއްގެ އިންތިޒާރުގައި ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖެއާއި ވާދަވެރި އެހެން ގައުމުތަކުގެ މަސް ކުޑަ ޑިއުޓީގައި ޔޫރަަޕަށް އެތެރެކުރެވޭއިރު ރާއްޖެއަށް ވެސް އެ ފުރުސަތު އޮންނަން ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފާނަ އާއި ހުއިފިލަނޑާގެ މަސްވެރިކަން ކުރ ފަރާތްތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު ހުސައިން ވިދާޅުވީ ފާނަ އާއި ހުއިފިލަނޑާ ކަހަލަ ސިނާއަތްތައް ތަރައްގީކުރަން ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުދި ފާނަ އުފައްދަން ކުރާ މަސައްކަތްތަކުގެ ދަށުން މިހާރު މަހަކަށް 10،000 ފާނަ އުފެއްދޭ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ އަދަދު 50،000 އަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.