މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ. ގާފަރުގައި ފެށި މަސްވެރިންގެ ފޯރަމް މިއަދު ނިންމާލައިފި އެވެ.
މި ފޯރަމް ކުރިއަށް ގެންދިޔައީ އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ގާފަރު ސްކޫލްގައި އެވެ. މި ފޯރަމްގައި މިއަދު މައިގަނޑު ގޮތެއްގައި ކުރިއަށް ދިޔައީ މަސްވެރިންނަށް ޕެންޝަން ސްކީމެއް ތައާރަފްކުރުމުގެ މުހިއްމުކަމުގެ މައްޗަށް މަޝްވަރާކުރުމާއި ޕެންޝަން އޮފީހުގެ އިސް ބޭފުޅުން މެދުވެރިކޮށް ޕެންޝަން އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ފޯރަމްގެ ބައިވެރިންނަށް މައުލޫމާތު ދިނުމެވެ.
އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން އެންވެރި ކަމަށް އައިސްފައިވާ ހީނަރުކަމާއި ހުރަސްތަކުގެ މައްޗަށާއި މަސްވެރިކަމުގެ ތަފާސް ހިސާބާއި މައުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް ފޯރަމްގެ ބައިވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ.
މި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ "ނޫ ރާއްޖެ" ޕްރޮގްރާމާއި ގުޅޭގޮތުން ވެސް ފޯރަމްގެ ބައިވެރިންނަށް މިއަދު މައުލޫމާތު ދިނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނާއި މި ސިނާއަތުގައި ހަރަކާތްތެރިވާ މަސް ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވި މި ފޯރަމްގައި އިއްޔެ މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައި ވަނީ މަސްވެރިންނަށް ހަމައަގު ހޯދަ ދިނުމުގައިހުރި ގޮންޖެހުންތަކުގެ ތެރެއިން މަތީއަގު ލިބޭ މުހިއްމު މާކެޓުތަކަށް ރާއްޖޭގެ މަސް ވިއްކުމަށް ފުރުސަތު ކުޑަވުމުން ދިމާވާ ގޮންޖެހުންތަކަށާއި ތެލުގެ އަގު އުފުލުމާއި ތެޔޮ ބޭނުންވާ މިންވަރު އިތުރުވެ މަސްވެރިކަން ކުރުމުގެ ހަރަދު ނިސްބަތުން ބޮޑުވުމުގެ މައްޗަށެވެ. އަދި މަހުގެ ކޮލިޓީ ނިސްބަތުން އަދިވެސް ދަށްކަމަށާއި މަސްވެރިން ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރެއް މަތީއަގު ލިބޭގޮތައް ޕްރޮސެސްނުކޮށް ރޯމެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާ ކަމާމެދު ވެސް މަޝްވަރާ ކޮށްފައިވެއެވެ.
ދެމެހެއްޓެނެވި ގޮތުގައި ދޮށިން ނުވަތަ އަތުނަނުގައި ބާނާމަހަށް ލިބެމުން އައި ޕްރިމިއަމް އަގު ގެއްލެމުން ދިޔުމާއި ދުނިޔޭގެ ބައެއް އެހެން ސަޕްލަޔަރުންނަށް ރާއްޖެއަށް ވުރެ ކުޑައަގެއްގައި އިމްޕޯޓް މާކެޓްތަކަށް މަސްވިއްކޭކަން ފާހަގަކޮށް އެންވެރިކަމުގައި ހުރި ގޮންޖެހުންތަކާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާއިގުޅިގެން ކުރިމަތިކުރުވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް އިއްޔެ ތަފާތު ބަހުސްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިންނަށް ހާއްސަކޮށްގެން މިފަދަ ފޯރަމެއް ބޭއްވި މައިގަނޑު މަގުސަދަކީ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުތައް އަހާ އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކޮށްދެއްވުން ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.