ދުނިޔެ

އީރާނަށް ހަމަލާދޭން އިޒްރޭލާ އެމެރިކާ ވިސްނަނީ

ދުނިޔޭގެ ބާރުތަކުން އިރާނާއެކު އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރަމުން ގެންދާ ނިއުކްލިއާ މަޝްވަރާތައް، ހުޅަނގާއި ވިލާތުން އެދޭ ގޮތަށް ކާމިޔާބު ނުވެއްޖެ ނަމަ، ދެން އޮތް ގޮތަކީ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމެވެ.

ޚަބަރުތައް ބުނާ ގޮތުން އީރާނަށް ހަލަމާދޭނެ ގޮތަކާ މެދު އިޒްރޭލް އާއި އެމެރިކާ މިހާރު ވެސް ވިސްނައި ރާވަން ފަށައިފި އެވެ.

އިޒްރޭލުން ދުނިޔެއަށް ގޮންޖަހައި ބުނަމުން ގެންދަނީ ނިއުކްލިއާ ހަތިޔާރު އުފައްދަން އީރާނަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެއްވެސް ބަޔަކު އެހީތެރި ނުވި ނަމަވެސް އަމިއްލަ ފައިޓަރު ޖެޓްތަކުގައި ނުކުމެ އީރާނަށް ބޮންއަޅާނެ ކަމަށެވެ.

އިޒްރޭލާ ގުޅިގެން މެދުއިރުމަތީގައި އެމެރިކާއިން އަސްކަރީ ފަރިތަކުރުންތަކެއް ހިންގަންތޯ، ޕެންޓަގަންގެ ތަރުޖަމާން، ޖޯން ކާބީ އަށް ސުވާލު ދެންނެވުމުން ޖަވާބު ދެއްވަން ދެކޮޅު ހެއްދެވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގާހާ ޕްރޮގްރާމެއްގެ މައުލޫމާތު އޭނާއާށް ލިބިވަޑައިގެންފައި ނުހުރެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަސްކަރީ ފަރިތަކުރުންތަކާ ގުޅޭ ގޮތުން މައުލޫމާތު ލިބުނު ނަމަވެސް، އެހުރިހާ ވާހަކައެއް މީޑިއާ އަށް ކިޔައިދޭ ގޮތަށް ހަމަޖެހިފައެއް ވެސް ނޯވެ އެވެ.

ޖޯން ކާބީ ވިދާޅުވި ގޮތުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އާއި އިޒްރޭލުގެ ޑިފެން ސެކްރެޓަރީ ބައްދަލު ކުރައްވައި އީރާނާ މެދު ސަމާލުވުމަށް މަޝްވަރާ ކުރެއްވި އެވެ. އަދި އީރާނުން ހަމަލާއެއް ދީފާނެ ކަމަށް އަބަދުވެސް ތައްޔާރަށް ތިބެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މީޑިއާގައި މިދާކަށް ދުވަހު މިކަމާ ގުޅޭ ގޮތުން ފެތުރު ޚަބަރުތަކުގައި، އީރާނަށް ހަމަލާދޭނެ ގޮތެއް އެމެރިކާގެ ބައިވެރިވުމާ އެކު އިޒްރޭލުން ރާވަމުން ގެންދާ ކަމަށް އޮތީ ބުނެފަ އެވެ. އަދި ވައިގެ މަގުން ހަމަލާ ދޭން ޖެހިއްޖެ ނަމަ ޖެޓްފައިޓަރުތައް އުދުއްސާނެ އެއްމެ ރައްކާތެރި މަގެއް ކަނޑައެޅުމަށް ފަރިތަކުރުންތަކެއް ބާއްވަން ހަމަޖެއްސި ވާހަކަ ވެސް ވަނީ ދެކެވިފަ އެވެ.