ޖަރުމަނަށް އާ ޗާންސެލަރަކު ހަމަޖެހިއްޖެ އެވެ. އެންޖެލާ މާކެލް އަށް ފަހު ޗާންސެލަރުކަން ކުރައްވަން އެގައުމުން ކަނޑައެޅީ އޮލަފް ޝޯޒް އެވެ.
އާ އެޖެންޑާތަކާ އެކު އާ ސަރުކާރު ގައުމު ހިންގަން ފެއްޓި ގޮތަށް ފުރަތަމަ ކަޅިއެއްލީ ވެސް ރަޝިއާ އަށެވެ. ރަޝިއާއާ ހެދި ހުޅަނގާއި ވިލާތުގެ ވެރިންނަށް ހަމަނިދި ނުލިބޭތާ ވެސް ލައްކަ ދުވަސް ވެއްޖެ އެވެ.
އޮލަފް ޝޯޒްގެ ސަރުކާރުން ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ނޯޑް ސްޓްރީމް 2 އާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
ޖަރުމަނުގެ އާ ސަރުކާރުން ނޯޑް ސްޓްރީމް 2 އަށް ތާއީދު ކުރެ އެވެ. އެއީ އެންޖެލާ މާކެލްގެ ސަރުކާރުން ކުރި ވަރަށް ރަނގަޅު ކަމެއް ގޮތުގައި ބަލައިގަނެ އެވެ. އެހެން ނަމަވެސް އޮތް ހިތާމަ އަކީ ރަޝިއާ އެވެ.
ރަޝިއާއިން ޔުކްރޭނަށް ހަމަލާދީ އަރައިގެންފިނަމަ ނޯޑް ސްޓްރީމް 2 އިން ހިދުމަތް ހޯދުމާ މެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް ޖަރުމަނުގެ އާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ރަޝިއާ ބުނާ ގޮތުން އެގައުމުން ޔުކްރޭނަށް ހަމަލާ ދިނުމަކީ ބައެއް ގައުމުތަކުން ހަދައިގެން ދައްކާ ވާހަކަތަކެކެވެ. ރަޝިއާއޭ ކިޔައިގެން އެންމެ ގިނައިން ދޮގު ވާހަކަ ފަތުރަނީ ޖަރުމަނު މީޑިއާއިން ކަމަށް ވެސް ރަޝިއާ ބުނެ އެވެ.
ނޯޑް ސްޓްރީމް 2 އަކީ ރަޝިއާއިން ޖަރުމަނަށް އަދި ޔޫރަޕް ގައުމުތަކަށް ގޭސް ސަޕްލައި ކުރުމަށް ކަނޑުއަޑިން އަޅާފައި އޮތް ދެ ހޮޅި އެވެ. މި ޕްރޮޖެކްޓަށް 10.5 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ ބަލާފަ އެވެ. އެހެން ނަމަވެސް ސިޔާސީ ވިސްނުން މިއޮތީ ގޭސް ޕައިޕްލައިނަށް ވުރެ އަގުބޮޑުވެފަ އެވެ.
ޔުކްރޭން މަޝްރަހަކީ ހުޅަނގާއި ވިލާތުން އަޑީގައި ތިބެގެން ރާވައި ކުޅޭ ބޮޑު ކުޅިގަނޑެކެވެ. ޔުކްރޭނަށް މާ ހެޔޮބައެއް ކަމަށް ދުނިޔެއަށް ދައްކައި އެމެރިކާ އާއި ވިލާތުން ހަގީގަތުގައި ކުޅިގަނޑު ފެށީވެސް ނޯޑް ސްޓްރީމް 2 އާ ހެދި އެވެ.
ނޯޑް ސްޓްރީމް 2 މެދުވެރިކޮށް ޔޫރަޕަށް ގޭސް ސަޕްލައިކޮށްގެން ރަޝިއާއަށް ރަނގަޅު އާމްދަނީއެއް ލިބޭނެ އެވެ. ރަޝިއާ އެކަނި މިހާ ގިނަ އަދަދަކަށް ޔޫރަޕަށް ގޭސް ސަޕްލައި ކުރުމަކީ އެމެރިކާއަށް ކުރިއަށް އޮތް ތަނުގައި ބަލަހައްޓައިގެން އޮވެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން ކޮންމެވެސް ފަންޏެއް ހަދައި ޝަަރުތުތަކުގެ ތެރެއަށް ނޯޑް ސްޓްރީން 2 މިއޮތީ ފައްތާފަ އެވެ.