ކިއުބާ

ސިއްހީ ނިޒާމު ހަރުދަނާކުރަން ކިއުބާއާ އެކު އެއްބަސްވުމަކަށް

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރަން ރާއްޖޭގެ ހެލްތު މިނިސްޓްރީއާއި ކިއުބާގެ ހެލްތު މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު ކިއުބާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މިދިޔަ އަންގާރަ ދުވަހު އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ޝާހު ސޮއިކުރެއްވި އިރު ކިއުބާގެ ފަރާތުން ސޮއިކުރެއްވީ ކިއުބާގެ ހެލްތު މިނިސްޓަރު ހޯސޭ އޭންޖަލް ޕޯޓަލް މިރަންޑާ އެވެ.

މި އެއްބަސްވުމުގެ ދަށުން ކިއުބާއިން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާ ސިސްޓަމް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދީ އަދި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ ގާބިލު މީހުން ކިއުބާއިން ރެކްރޫޓްކުރުމަށް އެހީތެރިވެދޭނެ އެވެ.

މީގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތަކާއި އަދި ގައިން ގަޔަށް އަރާ ބަލިތަކާ ބެހޭ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދޭނެ އެވެ.

ކިއުބާއަކީ ސިއްހީ ދާއިރާގައި މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެވެ.

މީގެ ކުރިން ކިއުބާއިން ވަނީ ރާއްޖޭގެ ދަރިވަރުން ކިއުބާގައި ޑޮކްޓަރުކަން ކިޔަވަން ސްކޮލަޝިޕްތަކެއް ވެސް ދީފަ އެވެ.