ރިޕޯޓް

އުފަންވާ ކުދިންގެ އަދަދު ދަށްވެ އިގްތިސާދީ ނަފާ ގެއްލެނީ

ދުނިޔޭގެ އާބާދީ އިންތިހާއަށް އިތުރުވެ "ބޮމެއް" ހެން ގޮވާފާނެ ކަމަށް ހީކުރެވެނު ޒަމާނެއް ވެސް ދިޔަ އެވެ. އާބާދީ އިންތިހާ އަށް އިތުރުވެގެން ދިއުމުގެ ސަބަބުން އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވެދާނެ ކަމަށް ވެސް އޭރު ބެލެވުނެވެ. މާސިންގާ އާބާދީއަކާ އެކު ބަނޑުހައި ހޫނުކަމާއި އެކު ބޮޑު ތަދުމަޑުކަމެއް އައިސް މިއީ ތަހައްމަލު ނުކުރެވޭނެ ބޮޑު ބުރައަކަށް ވެދާނެ ކަމަށް ދެކެވުނެވެ. އެކަމުން މިންޖުވުމުގެ ގޮތުން ގައުމުތަކުން ދުރާލާ ފިޔަވަޅުަތައް އެޅިއިރު ރާއްޖެއިން ވެސް ފިޔަވަޅުތައް އެޅި އެވެ. އާއިލާ ރާވާނެ ގޮތް ތަކާ ގުޅޭ ގޮތުން ހިންގި ވަރުގަދަ ހޭލުންތެރިކަމުގެ ކެމްޕޭންތައް މީގެ ހެއްކަކަށް ފުދެ އެވެ. ނަމަވެސް މިހާރު އެއީ މާޒީ އެވެ.

އާބާދީ އިތުރުވެދާނެ ކަމަށް ހީވި ހީވުން މިހާރު އެވަނީ ހަމައެކަނި ހީއަކަށްވެފަ އެވެ. ކުރިއާ ބަލާއިރު އުފަންވާ ކުދިންގެ އަދަދުން ވެސް އެކަން އެނގެ އެވެ. އަށްޑިއަ އަދި ނުވަދިހައިގެ ކުރީ ކޮޅުގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އެވްރެޖްކޮށް ދެ މަފިރިން ހަތަރު ފަސް ކުދިން ހޯދި ނަމަވެސް މިހާރު އެ އަދަދު އުޅެނީ އެކެއް ނުވަތަ ދޭއްގަ އެވެ.

އާބާދީ ދަށްވުމަކީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ގައުމުތަކުން މިހާރު ވަނީ ދެކެން ފަށައިފަ އެވެ. ގިނަ ގައުމުތަކުން ދެކޭ ގޮތުގައި އަލަށް އުފަންވާ ކުދިން މަދުވާނަމަ އޭގެ އަސަރު އިގްތިސާދަށް ވަރަށް އަވަހަށް ކުރާނެ އެވެ. ރާއްޖޭގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް (އެންބީއެސް) އިން ޔޫއެންއެފްޕީއޭއާކު ހެދި ދިރާސާގައި ވެސް ރާއްޖޭގައި އުފަންވާ ކުދިންގެ އަދަދު މަދުވަމުންދާތީ މުސްތަގުބަލުގައި ނިކުންނާނެ މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.

ވަޒީފާ ތަކަށް ބޭނުންވާ ވަރަށް ދިވެހިން ނުލިބޭ

އިގްތިސާދީ ވަސީލަތްތައް އާބާދީއަށް ބެހިގެންދާ ގޮތާ ގުޅޭގޮތުން އެންބީއެސްއިން ނެރުނު ރިޕޯޓްގައި ބުނީ މިހާރުވެސް ރާއްޖޭގައި ވަޒީފާގެ ބާޒާރަށް އެކަށީގެންވާ ވަރާ ގާތަށްވެސް މުވައްޒަފުން ނުލިބޭ ކަމަށެވެ. ދެހާސް ފަނަަރަ ވަނަ އަަހަރު އެކަނިވެސް 75،000 ބިދޭސީ މަސައްކަތްތެރިންނަށް ވޯކް ޕާމިޓް ދޫކޮށްފައިވުމުން މިކަން ވަރަށް ބޮޑަށް ސާފުވެ އެވެ.

ރާއްޖޭގެ އާބާދީގައި ބިދޭސީ މަސައްކަތްތެރީން 31 ޕަސެންޓް ހިއްސާކުރެ އެވެ. ނަމަވެސް ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލާއެކު 2050 ވަނަ އަހަރު އެ އަދަދު 48 ޕަސެންޓަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއާއެކު ދިވެހި ޒުވާން މަސައްކަތްތެރިންނަށް ވުރެ އެ އުމުރުގެ ބިދޭސީ މަސައްކަތް ތެރިން މާބޮޑަށް ވެސް އިތުރުވާނެ އެވެ.

ވަޒީފާ އަދާކުރަން ޖެހޭ އުމުރު ފުރާގެ މީހުންގެ ތެރެއިން މިހާރުވެސް 9.3 ޕަސެންޓް މީހުން އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެ އެެވެ. އަދި ވަޒީފާތައް އަދާކުރާ މީހުންގެ ތެރެއިން 14.3 ޕަސަންޓް މަސައްކަތްތެރިން އަދާކުރަނީ އެމީހުން ކިޔެވި ދާއިރާތަކާ ނުގުޅޭ ވަޒީފާތަކެވެ.

މަަސައްކަތްތެރިންގެ އާބާދީ ދަށަށް

ގައުމެއްގެ އާބާދީއެއްގައި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނަށް ވުރެ މަސައްކަތްތެރި އުމުރުފުރާގެ މީހުން ގިނަ ނަމަ އެއީ އެ ގައުމެއްގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. އެއާއެކު ގައުމެއްގެ ވަޒީފާތަކަށް މީހުން ލިބޭ ފުރުސަތު އިތުރުވެ ސަރުކާރުން ކުރަންޖެހޭ އިޖުތިމާއީ ހޭދަތައް ކުޑަވާނެ އެވެ.

މިވިސްނުމުން ބަލާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީ 2010 ވަނަ އަހަރު އޮތީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ނަމަވެސް 2020 ވަަނަ އަހަރު އައިއިރު މަސައްކަތްތެރިންގެ އާބާދީ އަށް ބަދަލު އައިސް އާބާދީގެ ރޭޝިއޯ ނިސްބަތުން ވަނީ ކުޑަވެފަ އެވެ. އެ އަދަދު ދަނީ ދަށަށެވެ.

އެންބީއެސްގެ ދިރާސާއިން ދައްކާގޮތުގައި 2016 ވަނަ އަހަރު ރާއްޖޭގެ މަސައްކަތްތެރި އާބާދީގެ ކޮންމެ މީހަކަށް ބަލަދު އަރާ އެކަކު ހުރެ އެވެ. އަދި މި އަދަދު 2050 އަށް ދާއިރު 1.1 އަކަށް އަރާނެ އެވެ.

އޭގެ އިތުރުން މަސައްކްތެރިންނަށް ލިބޭ އާމްދަނީއާ ބަލާއިރު ބަލަދު އަރާ މީހުންނަށް ކުރަން ޖެހޭ ހަރަދު މިހާރުވެސް ބޮޑެވެ. އެގޮތުން ކޮންމެ މަސައްކަތްތެރިއަކު އެވްރެޖްކޮށް ހަ ބަލަދުވެރިންގެ ހަރަދުތައް ބަލަހައްޓަން ޖެހެ އެވެ.

އެންބީއެސްގެ ދިރާސާތައް ވަރަށް ސާފެވެ. ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ އުމުރު ފުރާއިން އިގްތިސާދަށް ނެގެން އޮތް ނަފާ މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

އާބާދީ މުސްކުޅިވިޔަސް އިގްތިސާދީ ނަފާ ނެރެވިދާނެ ތަ؟

އުފަންވާ ކުދިންގެ އަދަދު މަދުވެ މަސައްކަތް ކުރާ އުމުރު ފުރާގެ މީހުންގެ ފަރާތުން ނެގެން އޮތް ފައިދާ ނެގުމަށް މިވަގުތު ބައެއް ގޮންޖެހުންތައް އެދަނީ ކުރިމަތިވަމުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މަސައްކަތްތެރިންގެ ރިޓަޔާމަންޓް އުމުރު މަތިކޮށް އެ މީހުންގެ ފަރާތުން ވެސް އިގްތިސާދީ ގޮތުން ފައިދާ ނެރެވިދާނެ ގޮތްތަކެއް ސިޔާސަތުތަކެއްގެ ތެރެއިން ހޯދިދާނެ އެވެ. އަލަށް އުފަންވާ ކުދިން މުސްތަގުބަލުގައި ވާޒީފާގެ ބާޒާރަށް ނެރުމަށް ސިޔާސަތު ކަނޑައަޅާ މަރުހަލާގައި ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ވެސް އިގްތިސާދީ ފައިދާ ނެރެވިދާނެ އެވެ. ނަމަވެސް ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ގޮތުން އުމުރުން ދުވަސްވީ މީހުންނާއި ޒުވާންފުރައިގެ މީހުންގެ ފަރާތުން އިގްތިސާދީ ނަފާ ނެރެވިދާނެ ތޯ ސުވާލު އުފެދެ އެވެ.

އެންބީއެސްއިން ލަފާކުރާ ގޮތުގައި 2050 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީ ވެގެންދާނީ ބޮޑަށް އުމުރުން ދުވަސްވީ މީހުންގެ އާބާދީ އަކަށެވެ. އެހެންވެ އެ އުމުރުފުރާގެ މީހުންގެ ފަރާތުން އިގްތިސާދީ ފައިދާއެއް ނަގަން ބޭނުންވާނަމަ އެކަން ކުރެވޭނީ ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެ އެކަމަށް މަސައްކަތް ކޮށްގެންނެވެ.

އުމުރުން ދުވަސްވީ މީހުންގެ އާބާދީއަކުން އިގްތިސާދީ މަންފާ ހޯދަން އޮތް އެންމެ ބޮޑު އެއް ހުރަހަކީ ރާއްޖޭގައި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން މިހާރުވެސް ގިނަވުމެވެ. ހާއްސަކޮށް އުމުރުން 45 އަހަރުން މަތީގެ މީހުން މީގެ ތެރޭގައި މިހާރުވެސް ވަރަށް ގިނަ އެވެ. އެކަން އާސަންދަ އަށް ކުރާ ބޮޑު ހޭދައިން ވެސް ސާފުވެ އެވެ.

މާދަމާގެ ޒުވާނުންގެ ފަރާތުން ވެސް އިގްތިސާދީ ނަފާ ނެރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން ރާއްޖޭގައި ކުޑަކުދިންގެ ހުނަރާއި އެ މީހުންގެ ގާބިލުކަން އިތުރުކުރުމަށް ކުރާ ހޭދަ ދަށެވެ.

އެންބީއެސްގެ ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަލަށް އުފަންވާ ކުދިން މަދުވެފައި ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ މި ސަރަަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި އިތުރެވެ. ނަމަވެސް ކުޑަކުދިންގެ ހުނަރާއި އެ މީހުންގެ ގާބިލުކަން އިތުރުކުރުމަށް ހޭދަކުރާ ވަރު މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު މާ ބޮޑު ތަފާތެއް ނެވެެ. އެެހެން ނަމަވެސް ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ އިތުރު އަދި އުފަންވާ ކުދިންގެ އަދަދު މަދު އެހެން ގައުމުތަކުގައި ކުޑަކުދިންނަށް ކުރާ ހޭދަ މާބޮޑަށް ވެސް އިތުރެވެ.

ރާއްޖޭގެ މަސައްކަތުގެ އާބާދީ ދަށްވެގެން ދިއުމަކީ މުސްތަގުބަލުގައި ރާއްޖެއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. މިހާރުވެސް ފަންނީ ދާއިރާތަކާއި އެންމެ ދަށް ފަންތީގެ ވަޒީފާތަކަށް ދިވެހީން ނުލިބޭ އިރު އެ ދާއިރާތަކުގައި ބޮޑަށް ހަރަކާތް ތެރިވަނީ ބިދޭސީންނެވެ. އެއާއެކު ރާއްޖެއަަށް ވަންނަން ޖެހޭ ގިނަ އަދަދެެއްގެ ފައިސާ ބޭރުވެގެން ދެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އަލަށް އުފަންވާ ކުދިން ދަށްވުގެން ދިއުމާއެކު މި ކެޓަގަރީގެ ވަޒީފާތަކަށް ދިވެހީން ލިބުމުގައި މާބޮޑަށް ވެސް ދަތިވާނެ އެވެ. ހަމަ އެހެންމެ އެހެން މީހުންގެ އެހީ ލިބިގެން އުޅެންޖެހޭ މީހުންގެ އާބާދީ އިންތިހާއަށް އިތުރުވެގެން ދާނެ އެވެ. އެހެންކަމުން މިހާރުން މިހާރަށް ސިޔާސަތު ކަނޑައަޅާ މަރުހަލާގައި މަސައްކަތް ފަށައި އެކްޝަން ޕްލޭނެއް ތަންފީޒުކޮށްގެން ނޫން ގޮތަަކަށް ރާއްޖޭގެ މުސްތަގުބަލުގެ މަސައްކަތްތެރިންގެ ފަރާތުން އިގްތިސާދީ މަންފާ ނުނެރެވޭނެ އެވެ.