އެޗްޑީސީ

އެޗްޑީސީ ސްމާޓް ބްރޭންޑް "ސްމާޓްކޮށް" އިފްތިތާހު ކޮށްފި

އެޗްޑީސީ އިން އެ ކުންފުނީގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ "ސްމާޓްކޮމް" އިފްތިތާހު ކޮށްފިއެވެ.

އެ ބްރޭންޑް އިފްތިތާހު ކުރީ މި ކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިއްޔެ އެވެ. އެ ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުނާއި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް ޕާޓްނާ ކުންފުނިތައް ކަމަށްވާ ދިރާގު އުރީދޫ އަދި މީޑިއާނެޓްގެ އިސް ވެރިން ވަނީ ބައިވެރިވެފަ އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ތަފާތު ކޮމިއުނިޓީތައް ޑިޖިޓަލް ގުޅުވާލުމަކީ ސްމާޓްކޮމްގެ ދުރު ތަސައްވަރު ކަމަށެވެ. އަދި ސްމާޓްކޮމްގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ސިޓީގެ ކަންކަން ކުރި އަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތަށް ތައާރަފު ކުރުން ހިމެނޭ ކަމަށެވެ.

ސްމާޓްކޮމް ބްރޭންޑްގެ ދަށުން މުސްތަގްބަލުގައި ތައާރަފުވެގެންދާ ތަފާތު ސްމާޓް ސޮލިއުޝަންސް ތަކުގެ ސަބަބުން ސިޓީގެ ތައުލީމާއި ސިއްހަތާއި ދަތުރުފަތުރުގެ ކަންކަން، ރައްޔިތުންނާއި އާއްމު ތަންތަނުގެ ރައްކާތެރިކަން ކަށަވަރުވުން، ވިޔަފާރިއާއި އިގްތިސާދު ކުރިއެރުން، އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ފަދަ ގިނަގުނަ ފައިދާތަކާއި ލު އިފަސޭހަތަށް ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި ސަރުކާރުގެ އިދާރާތަކަށްވެސް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ވަކިން ހާއްސަކޮށް ޕާޓްނާޝިޕްތަކާއި އިން ކިއުރޭޝަން ފެސިލިޓީތަކާއި އަދި އެކަހަލަ ތަފާތު ޕްރޮގްރާމްތަކާއެކު ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި ޒުވާނުންނަށް ފުރުސަތުތައް ފަހިވެ އަދި މި ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި އަލަށް މި އިންޑަސްޓްރީއަށް ނިކުންނަން ބޭނުންވާ ވިޔަފާރިތަކަށް ވެސް ފުރުސަތުތަށް ފަހިވެގެންދާނެ ކަމަށެވެ.

ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަގުސަދުގައި އެޗްޑީސީ އިން މިހާރު ވެސް އަންނަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އަދި މިހާތަނަށް ވަނީ ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކަކާއިއެކީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެޗްޑީސީގެ އަމާޒަކީ ސްމާޓްކޮމް މެދުވެރިކޮށް ހުޅުމާލެއަކީ ރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުން ކަމަށާއި ސްމާޓް ސިޓީގެ ހިދުމަތްތައް ނުވަތަ ސްމާޓް ސޮލިއުޝަންތައް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކަށްވެސް ފޯރުކޮށްދިނުން ކަމަށެެވެ.