އެޗްޑީސީ

ޑިޖިޓަލް އިންފްރާސްޓްރަކްޗާ: ފަސޭހަ ހުޅުމާލޭގެ ތަސައްވަރު

Feb 22, 2022

މާލެ ސަރަހައްދުގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކަނޑައެޅި ތަސައްވަރުގެ ދަށުން އުފެދިގެން އައި ހުޅުމާލެ މިއަދު މިވަނީ ވަރަށްވެސް ހިތްފަސޭހަ ސިޓީއަކަށް ބަދަލުވެފައެވެ. އެޗްޑީސީއިން އިސްނަގައިގެން ޒަމާނީ ފެންވަރުގެ ޑިޖިޓަލް ސިޓީއަކަށް ހުޅުމާލެ ހެދުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.

އެ މަސައްކަތުގެ ދަށުން ގިނަގުނަ ލަނޑުދަނޑިތަކެއް އެޗްޑީސީން ވަނީ ހާސިލްކޮށްފަ އެވެ. މި މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ސްމާޓްކޮމްގެ ނަމުގައި އެޗްޑީސީން ނިމިގެންދިޔަ އަހަރު ވަނީ ހާއްސަ ބްރޭންޑެއް ވެސް ތައާރަފު ކޮށްފައެވެ. ސްމާޓްކޮމްގެ ދުރު ތަސައްވުރަކީ ތަފާތު އެކި ކޮމިއުނިޓީތައް ޑިޖިޓަލީ ގުޅުވައިލުން ކަމަށް އެޗްޑީސީން ބުނެ އެވެ.

އޯޕަން އެކްސެސް ނެޓްވޯކް

ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއްގެ މައިގަނޑު އެއް އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކް ނުވަތަ އޯއޭއެން އެއް ހުޅުމާލޭގައި އެޗްޑީސީ އިން ދަނީ ގާއިމު ކުރަމުންނެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ މަސައްކަތުގެ ބޮޑުބައެއް ނިމި، ހިޔާ ފްލެޓުތަކާއި އެސަރަހައްދުގައި ދިރިއުޅޭ އިތުރު ފަރާތްތަކަށް މި ވިއުގައިގެ ތެރެއިން ފައިބާޓުދަހޯމް (އެފްޓީޓީއެޗް)ގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ. އޭގެ ސަބަބުން ކުރިން އިންޓާނެޓް އަދި ޓީވީގެ ހިދުމަތްތަކަށް ވަކިން ލާ ފައިބާ ކޭބަލް އެޅުންފަދަ ފުރިހަމަވާނެ ކަމަށް އެޗްޑީސީބް ބުނެ އެވެ.

އޭގެ ޒަރީއާއިން އިންޓާނެޓް އަދި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގައެއް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދެވޭނެކަމަށާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށްދާ ހަރަދު ކުޑަވެ، އަވަސްކަމާއެކު ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި އެފަދަ ހިދުމަތްތައް ދޭފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެ ކަމަށެވެ.

އެޗްޑީސީއިން ފަރުމާކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް މިހާރު ވަނީ ދިރާގު، އުރީދޫ އަދި މީޑިއާނެޓުން ހިދުމަތް ދޭން ފަށާފައެވެ.

އެޗްޑީސީގެ މުއާސަލާތީ ޓަވަރުތައް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށްޓަކައި ޖަހާފައިވާ މުއާސަލާތީ ޓަވަރުތަކަކީ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކުރުމަށް މިހާތަނަށް އެޗްޑީސީން ކޮށްފައިވާ މުހިއްމު މަސައްކަތެކެވެ.

ދިރާގު އަދި އުރީދޫއިން މިހާރުވަނީ މި ޓަވަރުތަށް މެދުވެރިކޮށް އެ ފަރާތްތަކުގެ މޮބައިލް ކަވަރޭޖް ހިދުމަތް ފަށާފައެވެ. އެގޮތަށް އެ ކުންފުނިތަކުން އެއް ޓަވަރުތަކެއް ބޭނުންކުރުމުން ތަފާތު ފަސޭހަ ތަކާއި ފައިދާތައްވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ޓަވަރުތައް ޖެހުމަށް އަދި ބެލެހެއްޓުމަށް ދާ ހަރަދު ކުޑަވުމުގެ އިތުރުން، އަވަސްކަމާއެކު އެފަދަ ސަރަހައްދުތަކަށް ކަވަރޭޖް ފުޅާކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. މީގެއިތުރުން، ޓަވަރުތަކުގެ އަދަދު މަދުކުރެވުމުން، މިކަމަށް ބޭނުންކުރާ ބިންތައް މަދު ކުރެވި، ތިމާވެއްޓަށާ އަދި ސިޓީއަށް އިތުރު ފުރިހަމަކަން ގެނެސްދޭ ކަމަށެވެ.

އެޗްޑީސީން ބުނީ ކުރިއަށް އޮތްތަނުގައި މޮބައިލް ކަވަރޭޖް ރަނގަޅުކުރުމަށް އިތުރު ޓަވަރުތަކާއި، ސްޓްރީޓް ޕޯލް އަދި ރޫފްޓޮޕް ޕޯލްތައް ޖެހުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ.

ސްމާޓް އިކޯސިސްޓަމަކަށް ސްމާޓް ސިޓީ ޕާޓްނާޝިޕް

ޒަމާނީ ޑިޖިޓަލް ސިޓީއަކަށް ވާސިލުވުމަށް ހުރިހާ އިދާރާތައް ހިމެނޭހެން ފުރިހަމަ ސްމާޓް ސިޓީ އިކޯސިސްޓަމެއް އުފެއްދުމަކީ މުހިއްމު ކަމެކެއް ކަމަށް އެޗްޑީސީން ދެކެވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެޗްޑީސީގެ ސްމާޓް ސިޓީ ޕާޓްނާޝިޕް ޕޮލިސީގެ ދަށުން އެކަމަށް ޝައުގުވެރިކަންހުރި ގާބިލް އާއްމު ފަރުދުންނާއި، ކުދި، މެދު، އަދި މަތީ ފަންތީގެ ވިޔަފާރިތަކަށް އެޗްޑީސީއާ ގުޅިގެން ތަފާތު ސްމާޓް ހިދުމަތްތައް ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރައްޔިތުންގެ ދިރިއުޅުން މިހާރަށްވުރެ އުޖާލާ ކުރުމަށް ފުރިހަމަވާންޖެހޭ ގިނަ ކަންކަމަކީ ސަރުކާރާއި، ވިޔަފާރިތަކުގެ އިތުރުން އާއްމު ފަރުދުން ގުޅިގެން އެކުއެކީގައި ކުރެވޭނެ ކަންކަން ކަމަށް އެޗްޑީސީން ބުނެ އެވެ.

ޒަމާނީ ފެންވަރުގެ ޑިޖިޓަލް ސިޓީއެއް

މި އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކުގެ ސަބަބުން އެޗްޑީސީން ތަސައްވަރު ކުރާފަދަ ޑިޖިޓަލް ސިޓީއަކަށް ކުރިމަގުގައި ހުޅުމާލެ ބަދަލުވެގެން ދާނެއެވެ. ހިދުމަތްތައް ލުއިފަސޭހަވެ، ވިޔަވާރިއާ އިގްތިސާދު ކުރިއަރާ އާމްދަނީގެ އިތުރު ދޮރުތައް ހުޅުވި، އަދި ދިރިއުޅުމުގެ ފެންވަރުގެ ރަނގަޅުވެ، ވެށީގެ އަމާންކަމާ ރައްކާތެރިކަން ކަށަވަރުވެގެން ދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.