މާލެ ސިޓީ ކައުންސިލުން ހަދާފައިވާ މާރުކޭޓް ގޮޅިތަކުގައި ސޭޓޫންގެ ގޮތުގައި ބިދޭސީން ތިބެގެން ކުރާ ވިޔަފާރި ހުއްޓުވާނެ ކަމަށާއި އެކަމަށް ވަގުތުކޮޅެއް ދެއްވުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރު ކަމާ މުއިއްޒު ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ދެއްވި ބަޔާނުގައި ވަނީ މާރުކޭޓް ގޮޅިތަކުގައި ސޭޓުންގެ ގޮތުގައި ބިދޭސީން ތިބެގެން ވިޔަފާރިކުރުން ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ މައްސަލަ ހައްލުނުވެ ދިގުލައިގެންދާތީ ގޮޅިތަކުގައި ވިޔަފާރިކުރާ ބައެއް ދިވެހި ސޭޓުން ދަނީ ކަންބޮޑުުން ފާޅުކުރަމުންނެވެ.
ސިޓީ ކައުންސިލްގެ މިހާރުގެ މެންބަރުން މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މާރުކޭޓް ގޮޅިތައް އަލުން ކުއްޔަށް ދިނީ ވެސް އެތަނުގައި ސޭޓުންގެ ގޮތުގައި ބިދޭސީން ގެންގުޅުން މަނާކުރުމަށްފަހު އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ މާރުކޭޓް ގޮޅިތަކުގައި ބިދޭސީން ވިޔަފާރި ކުރާ މައްސަލަ އަކީ ހައްލުކުރަންޖެހޭ ބޮޑު މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ މައްސަލަ އެންމެ ފަސޭހައިން ހައްލުކުރެވޭނީ ގޮޅިތައް ކުއްޔަށް ނަގައިގެން އުޅޭ ދިވެހިން، އެކަމުގައި އެއްބާރުލުން ދީގެން ކަމަށްވެސް ވިދާޅުވި އެވެ.
"ދެން ވަރަށް އުދަނގޫ މައްސަލަ އަކަށް މިކަން މިވަނީ. އެއީ މި ގޮޅިތައް ނަގައިގެން އުޅޭ ބައެއް ފަރާތްތަކުންވެސް އޭގައި އެއްބާރުލުމެއް ނުދޭ. އެކި ކަހަލަ ކަންތައްތައް މީގައި މި ހިނގަނީ އަސްލުގައި. އެހެންވީމާ މިކަމަކީ ހައްލުކުރަންޖެހޭ ހައްލުވާނެ ކަމެއް. އެކަމަކު އަދި މުޅިން ހައްލު ނުވެ، އެހެންނަމަވެސް އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް ހައްލުކުރެވޭނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ދިވެއްސަކަށް މާރުކޭޓް ގޮޅި ކުއްޔަށް ދީފައިވަނިކޮށް ސޭޓަކަށް ބިދޭސީ އަކު ބައިންދައިގެން ވިޔަފާރި ކުރަމުން ދިޔަ ބައެއް ގޮޅިތަކުގެ ވެރިންނަށް މިހާރުވެސް އެކި ކަހަލަ ފިޔަވަޅުތައް އަޅާފައި ހުންނާނެ ކަމަށެވެ. ސޭޓަކަށް ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރާ ގޮޅިތަކުގެ ވެރިންނަށް އެ ގޮޅިތަކުގެ މުއްދަތު ހަމަވުމުން ސިޓީ ކައުންސިލުން ދެން އެ މުއްދަތު އާނުކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން [ބިދޭސީންގެ މައްސަލަ ހައްލުކުރަން] މިގެންދާ މަރުހަލާ ނިމޭއިރުގައި އެތާކު އެއްވެސް ގޮޅިއެއްގައި އިރާދަކުރެއްވިއްޔާ ބިދޭސީއަކު ވިޔަފާރިކުރާކަށް ނުހުންނާނެ. އެހެނެއް ނޫން ދިވެހި މީހާ ހުރެފައި އެ މީހާގެ އަތްގާތްކޮށްލާނެ މީހަކު ނުހުންނާނެ އެކޭ ނޫން. އެކަމަކު ވިޔަފާރި ކުރަން ސޭޓެއްގެ ގޮތުގައި ދިވެއްސަކަށް ނޫނީ ނުހުރެވޭނެ ގޮތަށް އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،" މުއިއްޒު ވިދާޅުވި އެެވެ.
މޭޔަރު މުއިއްޒު ވަނީ މާރުކޭޓް ގޮޅިތަކުގައި ވިޔަފާރިކުރަން ތިބޭ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.