އެމްޑީޕީ އުފެއްދުމުގައި މަސައްކަތް ކުރެއްވި މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ޒަކީގެ ފޯމާ ހަވާލުވެވަޑައިގަތީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޒަކީ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ރައީސް ވަހީދު އޭރު ލީޑަރު ކަން ކުރެއްވި ގައުމީ އިއްތިހާދު ޕާޓީއާ އެވެ. ރައީސް ވަހީދުގެ ވެރިކަމުގައި ޒަކީ ވަނީ މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ފުރުއްވާފަ އެވެ.
ރައީސް ވަހީދުގެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު ޒަކީ ދެން ގުޅިވަޑައިގަތީ އަދާލަތު ޕާޓީއާ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޒަކީ ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަންގެ މަގާމު އަދާކުރައްވާފަ އެވެ.
ޕީޕީއެމްގެ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަކީ ވިދާޅުވީ އޭނާ ހުންނަވާ ޕާޓީ އަކުން ގޯސްކޮށް ކަމެއް ކުރާނަމަ އެއީ ގޯހެއް ކަމަށް ގަބޫލުކުރައްވާ އެ ބަޔަކާ އޭނާ ދުރަށް ވަޑައިގަންނަވާނެ ކަމަށެވެ. ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކުދިކުދި ސިޔާސީ ޕާޓީތަކުގައި ތިއްބަވައިގެން ގައުމީ މައްސަލަތަކުގައި މަސައްކަތް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. ޕީޕީއެމްއާ ގުޅިވަޑައިގަތީ އެ ސަބަބުތަކަކަށް ބެއްލެވުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.
އެންމެ ބޮޑުވާނީ ގައުމު ކަމަށް ފާހަގަކުރައްވަމުން ޒަކީ ވިދާޅުވީ ގައުމުގެ މިއަދުގެ ހާލަތު އެންމެން ގުޅިގެން ބަދަލުކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމު ހަލާކުކޮށް ނުލާށޭ. ރައްޔިތުން ބިކަ ނުކުރާށޭ އަޅުގަނޑު ދަންނަވަނީ،" ޒަކީ ވިދާޅުވި އެވެ.