ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އެންގުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.
އެލްޖީއޭ އިން އެގޮތަށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެލްޖީއޭގެ ބޯޑުގެ ކުއްލި ބައްދަލުވުމެއްގަ އެވެ.
އެލްޖީއޭގެ ބޯޑުގައި ހިމެނޭ ބައެއް ކައުންސިލަރުން ވަނީ އަވަސް އަށް އެކަން ޔަގީންކޮށްދެއްވާފަ އެވެ. އެލްޖީއޭގެ ބޯޑުން ނިންމީ ހުޅުމާލޭގެ ރަޖިސްޓްރީއާ ގުޅޭގޮތުން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށާއި ސިޓީ ކައުންސިލުން އެ ނިންމުން ނިންމާފައިވާ ގޮތުގެ އިންކުއަރީއެއް ހެދުމަށެވެ.
"އަދި ބޯޑުން ނިންމާފައިވޭ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީއާ ގުޅޭގޮތުން ސިޓީ ކައުންސިލުން މިވަގުތު ނިންމާފައި އެވަނީ އެ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށްވެސް،" މައުލޫމާތު ދެއްވި ކައުންސިލަރު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލާއި އެޗްޑީސީއާ ދެމެދު ބޮޑު ކޯޅުމެއް އުފެދުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ބާއްވަން އުޅުނު ޖަލްސާއަށް އެޗްޑީސީން ހުރަސް އެޅުމުންނެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައެޅުއްވިއިރު ހުޅުމާލެ ވަނީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމަނާފަ އެވެ. އެހެންވެ ހުޅުމާލޭގެ ޕަބްލިކް އޭރިއާތަކުގައި ޖަލްސާ ބާއްވަން އެދޭ ފަރާތްތަކަށް ހުއްދަ ދިނުމަކީ ކައުންސިލަށް ކުރެވޭނެ ކަމެއް ކަމަށް ބުނެ ސިޓީ ކައުންސިލުން އޮތީ އިދިކޮޅު ޖަލްސާ ބާއްވަން ހުއްދަ ދީފަ އެވެ. ނަމަވެސް ހުޅުމާލޭގެ ބިމުގެ ވެރިފަރާތަކީ އެޗްޑީސީ ކަމަށް ބުނެ އެ ކުންފުނިން ވަނީ ފުލުހުން މެދުވެރިކޮށް އިދިކޮޅު ޖަލްސާ ހުއްޓުވާފަ އެވެ.
އެޗްޑީސީގެ އެ އަމަލާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމާފަ އެވެ. އަދި އެޗްޑީސީން މިހާރު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.