ދުނިޔެ

އީރާނުން ސެޓެލައިޓެއް ފޮނުވަން ތައްޔާރުވަނީ

އީރާނުން ޖައްވަށް ސެޓެލައިޓެއް ފޮނުވަން ތައްޔާރުވަނީ އެވެ. އީރާނަށް ޖާސޫސްކުރާ ސެޓެލައިޓްތަކުން ނަގާފައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އިމާމް ޚުމައިނީ ސްޕޭސްޕޯޓްގައި ޝައްކު ކުރެވޭ ހަރަކާތްތަކެއް އެބަ ހިންގަ އެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޕްލަނެޓް ލެބްސްގެ ފަރާތުން އެސޯސިއޭޓް ޕްރެސް (އޭޕީ) އަށް ލިބިފައި ހުރި ފޮޓޯތަކުން ފެންނަނީ ޖައްވަށް ސެޓެލައިޓެއް ފޮނުވަން ތައްޔާކުރާ މަންޒަރެވެ.

އޭޕީން ބުނާ ގޮތުން އެ އޭޖެންސީއަށް ތަޖުރިބާކާރުން ބުނެފައިވާ ގޮތުން އީރާނުން ޖައްވަށް ސެޓެލައިޓެއް ފޮނުވަން ދެން ގިނަ ދުވަސްތަކެއް ނުނަގާނެ އެވެ.

އީރާނުން ޖައްވަށް ސެޓެލައިޓް ފޮނުވަން މަސައްކަތްކުރާ ވާހަކަ އަކީ އަލަށް ދައްކާ ވާހަކައެއް ނޫނެވެ. އެގައުމުގެ މީޑިއާތަކުން މިމަހު ކުރީކޮޅު މި މައުލޫއަށް ޚަބަރު ފަތުރާފައިވެ އެވެ. އަދި މަދަނީ ބޭނުންތަކަށް ހަތަރު ސެޓެލައިޓް ފޮނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނި ގޮތުން މިދިޔަ އަހަރު އޭޕްރީލް މަހު ފަހުކޮޅު ތެހެރާނުން ކާމިޔާބުކަމާއެކު ޖައްވަށް ސެޓެލައިޓެއް ފޮނުވި އެވެ.

ނޫރު މަރުކާގެ ސެޓެލައިޓް 425 ކިލޯމީޓަރަށް އުފުލުމުގައި ތެހެރާން ސައިންސްވެރިން ދަތިކަމެއް ތަޖުރިބާ ނުކުރާ ކަމަށް ވެސް އައިއާރުޖީސީން ބުންޏެވެ. އެހެންކަމުން މިއީ އީރާނުން އަލަށް ސެޓެލައިޓެއް ފޮނުވަން ކުރާ މަސައްކަތްތަކެއް ނޫނެވެ.

އިރާނުން ޖައްވަށް ސެޓެލައިޓެއް ފޮނުވުމުން އެމެރިކާ ވަރަށް ކަންތައް ބޮޑުކޮށްގެން އުޅުނެވެ. އެމެރިކާގެ އެއިރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އީރާނަށް އިންޒާރު ދެއްވައި އަދި އދ. އިން އީރާނަށް އަދަބު ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޕޮމްޕެއޯ ވިދާޅުވި ގޮތުގައި އީރާނުން ސެޓެލައިޓް ފޮނުވުމަކީ އދ.ގެ ސެކިޔުރިޓީ ކައުސިލްގެ މުއާހަދާ 2231 އިން މަނާކުރާ ކަމެކެވެ.

އެހެން ނަމަވެސް މަދަނީ ބޭނުންތަކަށް ސެޓެލައިޓް ފޮނުވުމަކީ އީރާނަށް މަނާކަމެއް ކަމަށް އދ.ގެ އެ ލިޔުމުގައި ބުނެފައެއް ނެތެވެ. ބުނެފައި އޮތީ އެއްވެސް ޒާތެއްގެ ބެލެސްޓިކް މިސައިލް އުދުއްސައި ޓެސްޓްކުރުމަކީ މަނާކަމެއް ކަމަށެވެ.