ދުނިޔެ

ޗައިނާއިން މޫސުން ބަލަން ޖައްވަށް 4 ސެޓެލައިޓް

ޗައިނާގެ ސެޓެލައިޓް އާބާދީ ޖައްވުގައި އެމެރިކާ ބިރުގަންނަ ވަރު ކުރަނީ އެވެ. އެ ގައުމުން އެކި ބޭނުންތަކުގައި ފުލުފުލުން ސެޓެލައިޓް ފޮނުވަމުން އަންނައިރު އިއްޔެ އެކަނި ވެސް ހަތަރު ސެޓެލައި ވަނީ އޯބިޓަށް ދޫކޮށްލާފަ އެވެ.

ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަންއިން ބުނީ މިފަހަރު ޖައްވަށް ފޮނުވި ހަތަރު ސެޓެލައިޓް ބޭނުން ކުރާނީ މޫސުމަށާއި ގަސްގަހާގެއްސަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކަމަށެވެ. އަދި އިންސާނުންނާއި ޖަނަވާރުން ހިމެނޭ ގޮތުން އާބާދީތައް އެއްތަނުން އަނެއްތަނަށް ދަތުރު ކޮށް އުޅޭ ގޮތް ނުވަތަ ހިޖުރަކުރާ ގޮތް، ހަރަކާތްތަކަށް ފާރަލައި ދިރާސާ ކުރާނެ ކަމަށެވެ.

ޖައްވީ ވާދަވެރިކަމުގައި ގައުމުތައް ހަނދަށް މިސްރާބުޖަހާފައި ވާއިރު ހަނދުން އެންމެ ފަހުން ވެލި ގެނައި ގައުމަކީ ޗައިނާ އެވެ. އަނެއްކޮޅުން މާސްގެ ބިންގަނޑު ތޮރުފައި ސާމްޕަލް ނެގުމުގެ މަސައްކަތްތަކުގައި ވެސް ޗައިނާގެ އުޅަނދެއް މިހާރު ވެސް އެބަ ހަރަކާތްތެރި ވެއެވެ.

އިންސާނުން ޖައްވުގައި ދާއިމީކޮށް ތިބުމަށްޓަކައި ޗައިނާއިން އަމިއްލަ ސްޕޭސް ސްޓޭޝަނެއް ވެސް އަންނަނީ ބިނާ ކުރަމުންނެވެ. އެމެރިކާއަށް މިކަމުގައި އޮތް ބިރުވެރިކަމަކީ ޗައިނާއިން ސްޕޭސް ސްޓޭޝަން ބޭނުންހިފާނެ ގޮތް ނޭނގުމެވެ.

ޗައިނާއިން ޖައްވުގައި އަސްކަރީ މަރުކަޒެއް ބިނާކުރުމަކީ ވެސް އެމެރިކާއަށް އޮތް ބިރެކެވެ. އެމެރިކާއިން ޖައްވުގައި އަދި އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައި ނުވާއިރު އެހެން ގައުމަކުން އަދި ވަކިން ޚާއްސަކޮށް ޗައިނާއިން މިވަރުގެ ކުރިއެރުމެއް ހޯދުމަކީ އެމެރިކާއަށް ބަލައިގަންނަން ދަތިކަމަކަށް ވާނެ އެވެ.