ފިލްމީ ތަރިންގެ ދަރިންނަށް ގިނަ ފަހަރު ލަނޑު ލިބެނީ އެމީހުންގެ މައިންބަފައިންނާއި އެމީހުންނާ އަޅާ ކިޔައި ހަދަން ފެށުމުންނެވެ. އެމީހުން ފިލްމު ކުޅޭކަން އިއުލާން ކުރުމާއެކު ގިނަ ބަޔެއްގެ އުއްމީދުތައް އެމީހުން ޕްރެޝަރަށް ވައްޓާލަ އެވެ.
ކެންސަރު ބަލީގައި ދުނިޔެ ދޫކޮށްފައިވާ އިރްފާން ޚާންގެ ދަރިފުޅު ބާބިލް އަށް ވެސް މިފަދަ ގޮތެއް މެދުވެރިވެދާނެތީ ޚުދް އޭނާ ވެސް ބިރުގަނެ އެވެ.
އިރްފާން އަކީ އެފަދަ ދެވަނަ އެއް ނެތް ވަރުގެ ކުޅަދާނަ މޮޅު އެކްޓަރެކެވެ. ވީމާ އޭނާގެ ދަރިފުޅަކީ ވެސް އެފަދަ މީހަކަށް ވާން އިރްފާނުގެ ފޭނުން އުންމީދުކުރާނެ އެވެ.
ބާބިލްގެ ފުރަތަމަ ފިލްމަކީ ޔާޝް ރާޖް ފިލްމްސްގެ ފުރަތަމަ އޯޓީޓީ ޕްރޮޖެކްޓް ކަމަށްވާ "ދަ ރެއިލްވޭ މެން" އެވެ. މި ހަފުތާގައި މި ޕްރޮޖެކްޓްގެ މަސައްކަތް ބާބިލް ފަށާފައިވާއިރު އޭނާގެ މަންމަ ވަނީ ސޯޝަލް މީޑިއާގައި ވަރަށް އަސަރު ގަދަ މެސެޖެއް ޝެއާ ކޮށްފަ އެވެ.
އިރްފާންގެ އަންހެނުން ސުޓާޕާ ލިޔެފައިވާ ގޮތުގައި 30 އަހަރު ވަންދެން އޭނާ ދިރިއުޅުނީ ލެޖެންޑަކާ އެކުގަ އެވެ. އެހެންވެ އޭނާގެ ސްޓޭންޑަޑް ވަރަށް މައްޗެވެ. އަދި ދަރިފުޅުގެ އެންމެ ބޮޑު ކްރިޓިކްސް އަކީ ވެސް އޭނާ ކަމަށް ސުޓާޕާ ބުނެފައިވެ އެވެ.
ސުޓާޕާ ލިޔެފައިވާ ގޮތުގައި ދަރިފުޅަށް ނުއުފުލޭ ވަރުގެ ޒިންމާ ހަވާލުކޮށް ބުރަ ކުރާކަށް އޭނާ ވެސް ބޭނުމެއް ނޫނެވެ.
"ދަ ރެއިލްވޭ މެން" ޑައިރެކްޓްކުރަނީ ޝިވް ރާވައިލް އެވެ. މިއީ 1984 ގައި ބޯޕާލްގައި ހިނގި ގޭސް ލީކުވުމުގެ ކާރިސާގައި ހިތްވަރުގަދަ ބަތަލުންގެ ހަނދާނުގައި ތައްޔާރުކުރާ އެ ހާދިސާއާ ގުޅޭ ފިލްމެއް ކަމަށް ޑައިރެކްޓަރު ބުނެފައި ވެއެވެ.
ބާބިލް އާއެކު މި ފިލްމުގައި ހަރަކާތްތެރިވަނީ ވަރަށް ކުޅަދާނަ އަދި ތަޖުރިބާކާރު އެކްޓަރުން ތަކެކެވެ. އޭގެ ތެރޭގައި ކޭ ކޭ މެނަން، އާރް. މާދަވަން އަދި ދިވްޔެންޑޫ ހިމެނެ އެވެ.
"ދަ ރެއިލްވޭ މެން" ރިލީޒްކުރަން ޝެޑިއުލް ކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހު އެވެ.