ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ފުޅާކުރަންޖެހޭ: އައްބާސް

Dec 15, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ހިމެނޭ އިސް މީހަކަށް ހުކުމް ކުރި ނަމަވެސް އެ މައްސަލައިގެ ތަހުގީގު އަދިވެސް ފުޅާކުރަންޖެހޭ ކަމަށް އެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.

އައްބާސް މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދަށް ބޮމުގެ ހަމަލާދިނުމުގައި އަމަލީގޮތުން އެންމެ އިސް ދައުރެއް އަދާކުރި އަދުހަމް އަހްމަދު ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އައްބާސް ފާއިޒް ވިދާޅުވީ އަދުހަމްގެ މައްޗަށް ހުކުމް ކުރެވިގެން ދިޔައީ ދައުލަތުން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ހެކިތައް ވަރުގަދަ ވުމުން ކަމަށެވެ. އަދި ހަމަލާއާއި ގުޅިގެން ފުލުހުން ކުރި ތަހުގީގު ހަރުދަނާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެވަރުން ފުއްދާލައިގެން ކުރިއަށްދާނަމަ މަސައްކަތަށް ހިޔަނި އެޅިދާނެ ކަމަށާއި، މި މައްސަލާގައި ކުރަންހުރި މަސައްކަތް ފުޅާކުރަންޖެހޭ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އައްބާސް ފާއިޒް، ރައީސް ސޯލިހުގެ މަންދޫބަކަށް ހަމަޖެއްސެވީ މިދިޔަ މެއި 19 ވަނަ ދުވަހު އެވެ.

ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ ހައެއް ގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވާނެ އެވެ. ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އައްބާސް ފާއިޒް ތައްޔާރުކުރައްވާނެ އެވެ.

އައްބާސް ފާއިޒް މަސައްކަތްކުރައްވަނީ ރައީސް އޮފީހުގަ އެވެ. އަދި މި ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި ނިހާއީ ހުކުމަކާ ހަމައަށް ވާސިލް ވަންދެން އައްބާސް ފާއިޒް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

އެމްޑީޕީއާ ހާއްސަ ގުޅުންތަކެއް އޮތް އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ މާހިރެކެވެ. އަދި އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެކެވެ.