ނަޝީދަށް އަމާޒު ކުރި ހަމަލަ

ތަހްމީންގެ ދިފާއީ ހެކިތައް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ ލިބޭ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު ހުށަހެޅި ދިފާއީ ހެކިތައް ބަލައިގަނެވޭނެ ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

ތަހްމީން ދިފާއީ ހެކީގެ ގޮތުގައި ހަ ހެއްކެއް ހުށަަހަޅާފައިވަނީ އޭނާގެ ފަރާތުން މައިގަނޑު ދެ ކަމެއް ސާބިތުކޮށްދިނުމަށެވެ. އެއީ ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން ތަނުގައި އޭނާ ނެތް ކަން ސާބިތުކޮށްދިނުމަށާއި ގޮއްވާލި އައިޑީ ހަރުކޮށްފައިވަނީ ތަހްމީންގެ ސައިކަލެއްގައި ނޫން ކަން ސާބިތުކޮށްދިނުމަށެވެ.

ތަހްމީން ސައިކަލެއް ނުގެން ގުޅޭކަން ސާބިތުކުރަން އޭނާ ހުށަހަޅާފައިވަނީ ޝަމްއޫން ރަޝީދު ކިޔާ މީހެކެވެ. އެއީ ތަހްމީންގެ ޒަމާންވީ ރަހްމަތްތެރިޔެކެވެ. މިކަން ސާބިތުކުރަން ތަހްމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޝަމްއޫން ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެ އެވެ. ނަމަވެސް ހަމަލާ ދިން ތަނުގައި ތަހްމީން ނެތް ކަން ސާބިތުކުރަން ޝަމްއޫން ރަޝީދާއި މުހައްމަދު ޒޫމާލް ޒަރީރު ހުށަހެޅުމުން ކްރިމިނަލް ކޯޓުން ވަނީ މި ދެ ހެކި ބަލައިނުގަތުމަށް ނިންމާފަ އެވެ.

ދައުލަތުން ޝަރީއަތުގައި ބުނެފައިވަނީ ތަހުގީގުގައި ތަހްމީން ހަނު ހުރެފައި ބޮން ގޮއްވާލި ތަނުގައި ނެތް ކަމުގެ ދިފާއު ފަހުން ނަގައި ހެކިންގެ ނަންތައް ހާމަކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ. ރައްދުގައި ތަހްމީން ބުނެފައިވަނީ ތަހުގީގުގައި އޭނާއަށް ދިން ގާނޫނީ އިންޒާރުގައި ހާދިސާ ހިނގި ތަނާއި ވަގުތު ބަޔާންކޮށްފައި ނެތް ކަމަށެވެ. ތަނުގައި ނެތް ކަމުގެ ދިފާއު އެ ވަގުތު ނުނެގުނީ އެ ސަބަބާ ގުޅިގެން ކަމަށް ތަހްމީން ބުނެފައިވެ އެވެ.

ހައިކޯޓުގެ ހުކުމްގައި ވެސް ބުނެފައިވަނީ ތަހްމީން ބުނާ ވާހަކަތައް ގާނޫނީ އިންޒާރުގައި ހިމަނާފައި ނުވާތީ ކުށުގެ އަމަލު ހިންގި ތަނުގައި ނެތް ކަމުގެ ދިފާއު ނެގޭނެ ގޮތެއް ތަހުމީނަށް ނެތް ކަމަށެވެ. އެހެންވެ ބޮމުގެ ހަމަލާ ދިން ތަނުގައި ތަހްމީން ނެތް ކަން ސާބިތުކުރަން ހުށަހެޅި ދެ ހެކިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މެއި 6، 2021 ވަަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާކުރާ ހަ މީހެއްގެ ޝަރީއަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ މިއަހަރުގެ އޮގަސްޓް 13 ވަނަ ދުވަހު ހުކުމު ކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުގައި މި މައްސަލަތައް ބައްލަވާ ގާޒީ ސޮފްއަތު ހަބީބް ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް ތާވަލާ އެއްގޮތަށް މިޝަރީއަތްތައް ކުރިއަކަށް ނުދެ އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާ ލިބޭ މީހުންގެ ތެރެއިން ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދު ފިޔަވާ އިތުރު މީހަކަށް އަދި ހުކުމްކޮށްފައެއް ވެސް ނުވެ އެވެ. އަދުހަމް ކުށަށް އިއުތިރާފް ވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ 23 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ ތަހްމީންގެ އިތުުރުން މ. ކުދެހިގެ، އިސްހާގުއާއި، މއ. ފޭރުގެ، މުޖާޒް އަހްމަދާއި، އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހްމީ އަލީ އާއި، ނ. މަނަދޫ ނޫރިގެ، އަލީ ހައިޝަމް އަދި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު އެވެ.