ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދާމާ ބޭއްވުމަށް ނިންމާފައިވާއިރު އެ ޖަލްސާއަށް ނުގޮސް ޖަލްސާ ބޮއިކޮޓް ކުރަން އިދިކޮޅު ކޯލިޝަނުން ނިންމައިފި އެވެ.
ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީސް މި ދައުރުގެ މަސައްކަތްތައް ނިންމާ ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ މަޖިލިސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ މެމްބަރުން މާލެއިން ބޭރުގައިވަނިކޮށް އެ މެމްބަރުންނަށް ބައިވެރި ވުމުގެ ފުރުސަތުވެސް ނުލިބޭ ގޮތަށް އަދި މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ މައިނޯރިޓީއާއި މަޝްވަރާވެސް ކުރުމެއްނެތި ކަމަށްވެސް ބުނެފައިވެއެވެ.
"މައިނޯރިޓީގެ ބަހެއް ނުހޯދާ ޖަލްސާ ބާއްވައިގެން މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ހިލާފު ކަމެކެވެ،"
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް މިނިވަން މުއައްސަސާތަކަށް އޮތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް ކަމަށާ އަދި އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަކީ އެ މުއްއަސަސާގެ ބާރު ކަނޑުވާލާ ޑިމޮކްރެޓިކް ހަމަތަކަށް މި ސަރުކާރުން އެއްވެސް ކަހަލަ އިހުތިރާމެއް ނުކުރާ ކަމުގެ ވަރަށް ބޮޑު ހެއްކެކެއް ކަމަށެވެ. މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ތަހުގީގީ އިދާރާއަކަށް ސަރުކާރުން މިހާރަށްވުރެވެސް ބޮޑަށް ނުފޫޒު ފޯރުވުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް ބުނެފައިވެއެވެ.
"... އެހެންކަމުން މިކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" ޖަލްސާ ބޮއިކޮޓް ކުރާކަން ހާމަކޮށް ނެރެފައިވާ ބަޔާނުގައިވެއެވެ.