އަބްދުއްރަހީމް އަބްދުﷲ

ރިޔާސީ ބަޔާނަކީ ހިޔާލީ ހުވަފެނެއް، ހަގީގަތް ވަނީ އޮޅުވާލާފައި: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވި ބަޔާނަކީ ހިޔާލީ ހުވަފެނެއް ކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމުގެ ޒިންމާ ކުރީން ނެންގެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާނަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވީ މުޅި ބަޔާން ބައްޓަންކޮށްފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ ބަޔާނުގައި ގައުމުގެ އަސްލު ހާލަތު ވަނީ ރައްޔިތުންނަށް އޮޅުވާލާފައި ކަމަށެވެ.

"މިއަދު ފެންނަނީ ރައީސް ސޯލިހު ވާނުވާ ނޭނގި ގޮތްހުސްވެ ހާސްވެފައިވާ މިންވަރު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަކީ ހިޔާލީ ހުވަފެނެއް. މުޅި ބަޔާން ބައްޓަންކޮށްފައި ވަނީ ރައީސް ސޯލިހުގެ ރިޔާސީ އިންތިހާބާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް. ގައުމުގެ އަސްލު ހާލަތު ވަނީ ރައްޔިތުންނަށް އޮޅުވާލާފައި. މިއަދު ފެންނަނީ ރައީސް ސޯލިހު ވާނުވާ ނޭނގި ގޮތްހުސްވެ ހާސްވެފައިވާ މިންވަރު
އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް

ފަންސާސް ހަ މިނެޓަށް ދިގު ދެމިގެންދިޔަ ރިޔާސީ ބަޔާން އެމްޑީޕީގެ މެންބަރުން ގެންދަވަނީ ތައުރީފު ކުރަމުންނެވެ.

4،434 ލަފްޒު ހިމެނޭ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ވަރަށް ގިނަ ކަންކަން އިއުލާނު ކުރައްވާފައެވެ. ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒިފުންގެ މުސާރަ ބޮޑު ކުރަން ނިންމެވި ކަމަށާ މާލެ މީހުންނަށް 5،000 ގޯތި ދެއްވަން ނިންމެވިކަން އިއުލާނު ކުރެއްވިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރެއްވުމަށް ނިންމެވިކަންވެސް އިއުލާނު ކުރެއްވިއެވެ. އަދި ސްޓޫޑެންޓް ލޯނަށް ހޯމަ ދުވަހު ހުޅުވާލަން ނިންމެވި ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބޭއްވެވި ޖަލްސާއަށް އިދިކޮޅުގެ 8 މެންބަރުން ވަޑައިގެންފައެއް ނުވެއެވެ. އެ ޖަލްސާ ބޮއިކޮޓް ކުރައްވާކަން ރޭ އެ މެންބަރުން ވަނީ އިއުލާނު ކުރައްވާފައެވެ.