ދައުލަތުގެ ދަރަނި

ލޯނު ދައްކަން ކުރި ހަރަދު ބިލިއަނަކަށްވުރެ މައްޗަށް

Dec 16, 2021
4

މި އަހަރު ލޯނު ދައްކަން ހޭދަކުރި އަދަދު އެއް ބިލިއަން ރުފިޔާ ފަހަނަ އަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރޭ ދައުލަތުގެ ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ލޯނު ދައްކަން ހޭދަކުރި އަދަދު ވަނީ 1,015.5 އަށް އަރާފަ އެވެ.

ދައުލަތުން މިިދިޔަ އަހަރު ލޯނު ދައްކަން ހޭދަކޮށްފައިވަނީ 852.6 މިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ލޯނު ދައްކަން ހޭދަކުރާނެ ކަމަށް ލަފާކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާ އެވެ.

މި އަހަރު ލޯނު ދައްކަން ހޭދަކުރި އަދަދު ބޮޑުތަނުން މަތިވެފައިވާއިރު އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކޮވިޑުގެ ހާލަތުގެ ސަބަބުން ބޭރުން ގިނަ އަދަދެއްގެ ލޯނު ނެގިނަމަވެސް މި ސަރުކާރުގެ ޖުމްލަ ދަރަނި ހުރީ އެންމެ 34 ބިލިއަން ރުފިޔާގައި ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ދަރަނި މަތިވެފައިވަނީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ލޯނުތަކުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ދަރަނި ހުންނާނެ ކަމަށް މިހާރު އަންދާޒާކޮށްފައިވަނީ 9.7 ބިލިއަން ރުފިޔާ އެވެ. އަދި މި ހަރަދު ފޫބައްދަން އަންނަ އަހަރުގެ ބަޖެޓް ފައިނޭންސް ކުރަން 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ. އޭގެތެރޭގައި ހިމެނެނީ ދަރަނީގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ހޯދަން ޖެހޭ ފައިނޭންސްގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ މީހުންގެ އަތުން ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި އެތެރޭގެ މީހުންގެ އަތުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓްގައި ވަނީ ކަނޑައަޅާފަ އެވެ.