އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކ. ގުރައިދޫ ކައުންސިލް މެންބަރުންނާއި މިރޭ ބައްދަލު ކުރައްވައިފި އެވެ.
މިއީ ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ބައްދަލުކުރެއްވި ފުރަތަމަ ކައުންސިލެވެ. ރައީސް ޔާމީން ގުރައިދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވި ނަމަވެސް މި ބައްދަލްވުމުގައި ދެކެވުނު ވާހަކަތަކާއި ގުޅޭގޮތުން ޕީޕީއެމުން ތަފްސީލެއް ނުދެއެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކ. އަތޮޅުގެ ދެ ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ކ. ގުރައިދޫގެ އިތުރުން ތުލުސްދޫއަށްވެސް ވަޑައިގަންނަވާނެ އެވެ. މިރޭ ގުރައިދޫގައި މަޑުކުރެއްވުމަށް ފަހު ތުލުސްދޫއަށް ވަޑައިގަންނަވާނީ މާދަމާ އެވެ.
ގުރައިދޫ އާއި ތުލުސްދޫ އަށް ރައީސް ޔާމީން ކުރައްވާ މި ދަތުރުުފުޅުގައި އެ ދެ ރަށުގެ ރައްޔިތުންނާ އެކު ވަގުތު ހޭދަކުރައްވާ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި މައްސަލަތައް ބައްލަވައި އޮޅުންފިލުއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ސަޕޯޓަރުން ބާއްވާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެގޮތުން އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލައި މިއަދު ގުރައިދޫގައި ކުރިއަށްދިޔަ ހިނގާލުމާއި ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ގުރައިދޫ އަށް ފައިބައިވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވީ ވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެކެވެ.