ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ސުވާލެއް؛ އިންޑިއާ ސިފައިން ތިބީ ރާއްޖެ ހިފަންތޯ

ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ މި ގައުމު ހިފަަންތޯ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިފި އެވެ. އެމަނިކުފާނު މި ސުވާލު އަމާޒު ކުރެއްވީ މިހާރު ބޮޑުކޮށް ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ކެންޕެއިންގެ ތެރެއިން ކ އަތޮޅު ގުރައިދޫގައި މިއަދު އޮތް ހިނގާލުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ހަރަކާތުގައި ބޭނުން ކުރާ "އިންޑިއާ އައުޓް" ލިޔެފައިވާ ރަތް ކުލައިގެ ޓީޝާޓެއް ތުރުކުރައްވާ ހުންނަވާ ރައީސް ޔާމީންގެ ވާހަކަފުޅު ފެއްޓެވީވެސް ރާއްުޖޭގައި އިންޑިއާ ސިފައިން ތިބުމަށް ރައްޔިތުން ތާއީދުކުރޭތޯ ސުވާލު ކުރައްވަމުންނެވެ. އޭގެ ފަހުން "އިންޑިއާ އައުޓް" ކަމަށް ވިދާޅުވެ ދެ ތިން ފަހަރަކު އެ ލަފުުޒުތައް ތަކުރާރު ކުރެއްވިއެވެ. އަދި ރާއްޖެއިން އިންޑިއާ ސިފައިން ފައިބާން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއަކީ ދިވެހީންގެ ގާތް އެކުވެރިއެއް ކަމަށާ އެ ގުޅުން ކުރިއަށް އޮތްތާވެސް އެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ދައުވަތު ނުދެނީސް އެ ގައުމުގެ ސިފައިން ރާއްޖެ އައިސް ރާއްޖޭގައި ގާއިމުވެ ތިބުމަކީ ކަންބޮޑުވާ އަދި އެކަމާ ދެކޮޅު ހައްދަވާ ކަމެއް ކަމަށެވެ.

އެފަދައިން އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ މިތަން ހިފަންތޯވެސް އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

"އެހެންވީމަ މިއީ [ރާއްޖޭގައި ތިބި އިންޑިއާ ސިފައިން] ރާއްޖެ ހިފަން ތިބި ބައެއްތޯ މި ސުވާލު ކުރެވެނީ. މިއީ އޮކިއުޕައިން ފޯސްއެއްތޯ. މިއީ މިތާ ކިހާ ޒަމާނެއް ވަންދެން ތިބި ބައެއްތޯ. ސަރުކާރަކުންނެއް ދައުލަތަކުން ނެތް އެއްގޮތަކަށްވެސް މި މީހުންނާ ދޭތެރޭގައި އެއްބަސްވެވިފައި ހުރި އެއްބަސްވުންތަކުގައި ކިހާ ފުންމިނަކަށްތޯ ދަތުރުކުރަނީ އަންގައިދޭކަށް ބޭނުމެއް ނުވޭ. ހުރިހާ ކަމެއް ސިއްރުކޮށްގެން މިހާތަނަށް ގެންދިޔައީ. އިންޑިއާ ސިފައިން މިތާ ނެތް ކަމަށް ފުރަތަމަ ބުނަމުން ދިޔަައީ. އެކި މަސައްކަތް ކުރުމަށް ފަންނީ ބަޔަކު އައިސް ތިބި ކަަމަށް ފުރަތަމަ ބުނަމުން ދިޔައީ. އެކަމަކު މިއީ މި ސަރުކާރަށް ބަލާއިރު އަޅުގަނޑުމެން ހައިރާންވާންވީ ކަމެއް ނޫން. ދޮގުން އުފެދިފައި އޮތް ސަރުކާރެއް މިއީ. ދޮގުގެ މަތީގައި ދެމި ތިބޭނީ. އެހެންވީމަ މިކަމުގައިވެސް ހެދީ ދޮގު. އެހެން ނަމަވެސް މިހާރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެބަ އެނގޭ އިންޑިއާ ސިފައިން ފައިތިލަ ސާބިތުކޮށްގެން އެބަ ތިބިކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އެމަނިކުފާނު އިސްވެ އިިދިކޮޅު ދެ ޕާޓީން ފަށާފައިވާ ހަރަކާތް ފުޅާކޮށް އަދިވެސް ވަރުގަދަ ކުރައްވާނެ ކަމަށެވެ. އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެކަމަށް ނަފުރަތު ކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އަދި "އިންޑިއާ އައުޓް" ކެންޕެއިންގައި ވަކި ގިންތިއެއް ނެތި އެންމެންވެސް ބައިވެރިވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

"މިކަމެއް ނުހިފެހެއްޓޭނެ. މިއީ ދިވެހީންގެ ވިންދު. މިއީ ދިވެހީންގެ ހާލުގެ ދުލުން ގޮވާ ވާހަކަ. އެހެންވީމަ ދިވެހިރާއްޖެއިން އިންޑިއާ އަސްކަރިއްޔާ ޖެހެނީ ފައިބާން. އަޅުގަނޑުމެން ހިތްހަމައެއް ނުޖެހޭ. އަޅުގަނޑުމެން ނަފްރަތު ކުރަން، އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިކަމެއް. އެހެންވީމަ އަޅުގަނޑުމެން ހުރިހާ ރައްޔިތުން އަޑަށް ބާރުލާފައި އެއްވެސް ކަހަލަ އޮޅުމެއް ނެތް ގޮތުގައި މި ބުނަނީ އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ފައިބާށޭ. އިންޑިއާ ސިފައިންނަށް މިތާކު ނުތިބެވޭނޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.