އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބޮޑު ނުހުރުއްޕާނެއް ކަމަށާ އެއީ ދިވެހި ގައުމާއި ރައްޔިތުންނަށް ޖެހިފައިވާ މުސީބާތެއް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ. މަހިބަދޫގައި އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޔާމީން ވިދާޅުވީ މުޅި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ އެބައޮތް ކަމަށާ ވެރިރަށް މާލޭގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބޮޑު ނުހުރުއްޕާނެއް ކަމަށާ އެއީ ގަައުމަށް މެދުވެރިވެފައި އޮތް މުސީބާތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި ދިވެހީންގެ ރައީސަކު ވެރިކަމުގައި ހުރި ނަަމަވެސް ހަގީގީ ވެރިކަން އޮތީ އެ ރައީސްގެ އަތްޕުޅުގައި ނޫން ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ވެރިކަން ކުރަނީ އަތިރީގޭގައި ހިންގަމުންދާ އިންޑިއާ އެމްބަސީގައި އިންނަވާ އެ ގައުމުގެ ސަފީރު އަންގަވާ ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
"އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބޮޑު ނުހުރުއްޕާނެއް. ހަމަ ހަގީގަތުގައިވެސް ވަރަށް ބޮޑު ނުހުރުއްޕާނެއް. އެހެން މި ދަންނަވަން ޖެހެނީ ދިވެހިރާއްޖޭގެ ވެރިކަމުގެ އެއްވެސް ބާރެއް މިއަދު ނެތީތީ،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ފަށާފައިވާ ހަރަކާތް އިތުރަށް ފުޅާކުރަން މަޖުބޫރުވެއްޖެ ކަމަށެވެ. އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިއްބުމުގެ އިތުރުން އިންޑިއާ އިން ދިވެހީންގެ ދާހިލީ ކަންކަމާއި ހާރިޖީ ކަންކަމަށް ބަސް ކިޔަމުންދާއިރު އެކަން ހުއްޓުވަންވެސް މަސައްކަތް ފަށަން ޖެހިފައިވާ ކަމަށެވެ.
"މިހާރު އެ ކުރަނީ ވެރިކަމެއް ނޫން. މިހާރު ވެރިކަން އެ ކޮށްދެނީ އެހެން ބަޔަކަށް. މިހާރު އެ ހުންނަވަނީ ގަވަރުނަރެއް ހުންނަ އުސޫލުން. ގަވަރުނަރެއް ހުންނަ އުސޫލުން ހުންނަ ވެރިއެއް މިހާރު އެ ހުންނެވީ. އޭގެ ދެ މީހަކު އެބަތިބި. އެއް ވަޒީފާގައި [ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި] ތިބި ދެ މީހަކު އެބަތިބި. އެހެން ކަމުން މިތަނުން ކާކު ކަމެއް ނޭންގެ އިސް ގަވަރުނަރަކީ އެއް. އެހެންވީމަ ވަރަށް ހާލުގައި ދިވެހިރާއްޖެ މިއަދު މި އޮތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބޮޑު ނުހުރުއްޕާނެއް. ހަމަ ހަގީގަތުގައިވެސް ވަރަށް ބޮޑު ނުހުރުއްޕާނެއް. އެހެން މި ދަންނަވަން ޖެހެނީ ދިވެހިރާއްޖޭގެ ވެރިކަމުގެ އެއްވެސް ބާރެއް މިއަދު ނެތީތީއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް
އެމަނިކުފާނު މިއަދުވެސް ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތައް ވަރަށް ނުރައްކާ ކަމަށް ވިދާޅުވެ މީގެ ކުރީން ހާމަނުކުރައްވާ ބައެއް މައުލޫމާތުތައް އާންމު ކުރައްވާފައެވެ. ވިދާޅުވީ ރާއްޖެ-އިންޑިއާ އިން ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި މިހާރު ރާއްޖެ ސަރަހައްދަށް ވަދެވޭނެ ކަމަށެވެ. ދިވެހި ސަރުކާރަށް ހަމައެެކަނި އިންޑިއާގެ އުޅަނދެއް ރާއްޖެ އަންނަކަން އަންގާލުމުން ފުދޭ ގޮތަށް އެއްބަސްވުން ހަދާފައިވާ ކަަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
އަދި އެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ބޭނުން ބާވަތެއްގެ ހަތިޔާރެއް ބޭނުން މިންވަރަކަށް އެތެރެ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވާން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ގަސްތުގައި ދިވެހީންގެ އަމާންކަން ގެއްލުވާލާފައިވާ ކަމަށެވެ.
ރާއްޖެ-އިންޑިއާ ގުޅުން މިއަދާ ހަމައަށް ދެމި އޮތީ މާ މޮޅު ހާރިޖީ ސިޔާސަތެއް އޮވެގެން ނޫން ކަމަށް ވިދާޅުވެވެސް ރައީސް ޔާމީން މިއަދު ވަނީ އެ ގައުމަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހީން އަބަދުވެސް ތިބެން ޖެހިފައި އޮތީ އިންޑިއާއަށް ޖިޒީ ދައްކައިގެން ޒާތަަކަށް އަޅުވެތި ވެގެން ކަމަށެވެ. އަދި އެކަން މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ދޮގު ނުކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ ތަގުރީރުގައިވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު ބޮޑު އަމުރަކީ އިންޑިއާ ސަރުކާރުން އަންގައިގެން ނެރެފައިވާ އަމުރެއް ކަމަށް ވިދާޅުވެފައެވެ. ވިދާޅުވީ އެއީ "ގައްދާރު"ވި ފަނޑިޔާރުންތަކެއް މެދުވެރިވެގެން އިންޑިއާ އެމްބަސީން ލިޔެ ނެރުނު އަމުރެއް ކަމަށެވެ. އެ އަމުރު ލިޔުނު މީހާ މިއަދުވެސް އިންޑިއާ އެމްބަސީގައި އެބަހުރި ކަމަށް ވިދާޅުވިއެވެ.